logo

ފޭދޫ ސްކޫލްގެ ކެޑޭޓް ކޭމްޕެއްގައި 31 ކުއްޖަކު ފުޑް ޕޮއިޒަންވެ ފަރުވާ ދޭން ފަށައިފި

profile

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:26

އައްޑޫ ސިޓީ ފޭދޫ ސްކޫލްގެ ކެޑޭޓް ކޭމްޕެއްގެ ތެރެއިން 31 ކުއްޖަކު ފުޑް ޕޮއިޒަން ވެގެން، އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

https://wamco.com.mv/

މި ކުދިންނަށް ފަރުވާ ދޭން ފަށާފައިވަނީ ކެޑޭޓް ކޭމްޕް ކުރިއަށްދަނިކޮށް، ގިނަ އަދަދެއްގެ ކުދިންތަކެއް ކުއްލިއަކަށް ހޮޑުލުމާއި، ބޭރަށް ހިންގުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ އުނދަގޫތަކެއް ދިމާވުމާ ގުޅިގެންނެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަބްދުﷲ ވަހީދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުޑް ޕޮއިޒަންވި 31 ކުއްޖަކަށް އައްޑޫގެ އެކި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެގޮތުން، ހިތަދޫގައި ހުންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި 7 ކުއްޖަކަށް ފަރުވާ ދެމުންދާއިރު، ފޭދޫ ސިއްހީ މަރުކަޒުން 12 ކުއްޖަކަށް އަދި މަރަދޫ ސިއްހީ މަރުކަޒުން 12 ކުއްޖަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އަބްދުﷲ ވަހީދު އިތުރަށް ވިދާޅުވީ، އެ ހުރިހާ ކުދިންނަށް ވެސް ފަރުވާ ދެމުން އަންނަނީ ފުޑް ޕޮއިޒަން ވެގެން ކަމަށެވެ. އަދި މިވަގުތު ގިނަ ކުދިން އެޑްމިޓްކޮށްފައި ނުވާ ކަމަށާއި، ކުދިންގެ ހާލަތު ބެލުމަށްފަހު އިތުރު ސިއްހީ މައްސަލައެއް ނެތް ކުދިން ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކޭމްޕްގެ ތެރެއިން އެ ކުދިން ފުޑް ޕޮއިޒަން ވާން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

https://wamco.com.mv/
tel:+9607331319