logo

އޭސީސީގެ މަގާމަށް ސީބީއެމްގެ ރައީސް ފައިސަލް އަނެއްކާވެސް އިންތިޚާބުވެއްޖެ

profile

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:32

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ އެސޯސިއޭޓް ޑިރެކްޓަރުގެ މަގާމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުޙައްމަދު ފައިސަލް ދެވަނަ ދައުރަކަށް އިންތިޚާބުކޮށްފިއެވެ.

https://wamco.com.mv/

ފައިސަލް މި މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބުކޮށްފައިވަނީ ދާދިފަހުން ތައިލެންޑުގެ ބެންކޮކްގައި ބޭއްވުނު އޭސީސީގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ގައެވެ. މިއީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ކްރިކެޓަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

މިކަމާ ގުޅިގެން ސީބީއެމްއިން ހާމަކުރި ގޮތުގައި، ފައިސަލް އަލުން އެ މަގާމަށް އިންތިޚާބުވުމަކީ އޭޝިއާ ސަރަހައްދުގެ ކްރިކެޓް ތަރައްގީކޮށް ކުރިއެރުވުމުގައި އޭނާގެ ހިއްސާ އާއި އިސްނެންގެވުން އޮތް މިންވަރު ސާބިތުވެގެންދިޔަ ކަމެކެވެ. އަދި މުޅި ސަރަޙައްދުގައި މި ކުޅިވަރު ފުޅާކުރުމަށް އޭނާ ކުރައްވާ އަގުހުރި މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް އެ ބޯޑުން ބުނެފައިވެއެވެ.

އޭސީސީގެ އިތުރުން، ފައިސަލް މިހާރުވެސް ގެންދަވަނީ ދުނިޔޭގެ ކްރިކެޓްގެ މައި އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ 'ނޮން ވޯޓިން ރެޕްރެޒެންޓޭޓިވް ފޯ އޭޝިއާ' ގެ މަގާމު ވެސް ފުރުއްވަމުންނެވެ. މިއީ އޭނާ އެ މަގާމު ފުރުއްވަމުން ގެންދަވާ ތިންވަނަ ދައުރެވެ.

ސީބީއެމްއިން ފާހަގަކުރި ގޮތުގައި، މިފަދަ މުހިންމު މަގާމުތަކަށް ރާއްޖޭގެ ބޭފުޅުން އިންތިޚާބުވުމަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކްރިކެޓް އިދާރާތަކުގައި ރާއްޖޭގެ ކްރިކެޓް ބޯޑުގެ ތަމްސީލުވުން އިތުރުވެ، ރާއްޖޭގެ އަޑު ގަދަވެގެންދާނެ ކަމެކެވެ.

ފައިސަލްގެ ރިޔާސަތުގެ ދަށުން ސީބީއެމް އިން މިހާރު ވެސް ދަނީ ރާއްޖޭގެ ކްރިކެޓް ހަމައެކަނި މާލެއަށް މަހްދޫދު ނުކޮށް، އަތޮޅުތެރެއަށް ފުޅާކުރުމަށާއި، ބައިނަލްއަގުވާމީ މުބާރާތްތަކުގައި މުޅި ރާއްޖެ ތަމްސީލުކުރެވޭނެ ފަދަ ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319