
50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކީ އެސްޑީއެފް މެދުވެރިކޮށް : މާލީ ވުޒާރާ

މުޙައްމަދު ފަޟްލޫން - 19 ސެޕްޓެމްބަރު 2026 - 07:09
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދޫކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓީ ބިލް އަނބުރާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރެވިފައިވާ ފައިސާއިން ކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.
މާލީ ވުޒާރާއިން މިކަން ސާފުކޮށްދެއްވާފައި މިވަނީ، އެ ޓީ ބިލް އަނބުރާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެ ވުޒާރާއިން ވިދާޅުވީ، ބީއެމްއެލްގައި ހުރި އާންމުންގެ ފައިސާ މިކަމަށް ބޭނުންކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، 2019 ވަނަ އަހަރު އެސްބީއައި މެދުވެރިކޮށް ނަގާފައިވާ މި 50 މިލިއަން ޑޮލަރުގެ ޓީ ބިލް އަނބުރާ ދައްކާފައިވަނީ، ދުރާލައި ރޭވިގެން އެސްޑީއެފް ފަންޑަށް ޖަމާކުރަމުންދިޔަ ފައިސާގެ ތެރެއިންނެވެ.
މިސަރުކާރުން 50 މިލިއަން ޑޮލަރުގެ ޓީބިލް އަނބުރާ ދެއްކުމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ ފައިސާ ދައްކާފައިވަނީ ބީއެމްއެލްގައި ހުރި އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފައިސާ ބޭނުންކޮށްގެން ކަމަށެވެ. އެހެންކަމުން މިއަދު ބީއެމްއެލް ގައި ޑޮލަރު ނެތް ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ދަރަނި ދެއްކުމުން ކާޑާއި ތެލާއި ބޭސް އަދި ޒަރޫރީ ހިދުމަތްތައް ރާއްޖެ އެތެރެކުރާނެ މިންވަރަށް ދައުލަތުގެ ރިޒާވްގައި ފައިސާ ނެތް ކަމަށްވެސް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.
މިކަމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ ދަރަނީގެ ބޮޑު ބައެއް ދައްކަން ޖެހުނު ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި، ތެލާއި ބޭސް މެދުކެނޑުމެއްނެތި އެތެރެކުރެވޭނެ މިންވަރަށް ބޭރު ފައިސާގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭ ފަށައިގެން ކުރިއަށްދަނީ
38 މިނިޓު ކުރިން

ޕީއެންސީގެ އައު ރަސްމީ ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި
41 މިނިޓު ކުރިން

އަމާޒަކީ ސިސްޓަމް ތެރެއިން ކޮރަޕްޝަން ނައްތާލުން: ރައީސް
42 މިނިޓު ކުރިން

ރައީސް ޑރ މުއިއްޒަކީ އިގްތިސާދީ މާހިރެއް: އަބްދުއްރަހީމް
44 މިނިޓު ކުރިން


