
ރެއާލް މެޑްރިޑާއި މޮނާކޯ ވާދަކުރި މެޗުގެ ތެރެއިން .
ވިނީގެ މޮޅު ކުޅުމާއެކު މޮނާކޯ އަތުން ރެއާލް މެޑްރިޑަށް ތަފާތުބޮޑު މޮޅެއް

ހަސަން ޝަމްއޫން - 20 ޖެނުއަރީ 2026 - 23:43
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މިމުބާރާތުގައި މޮނާކޯ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ތުރުކީގެ ގަލަތަސަރާއި ބަލިކޮށްފައެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބެރްނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ދެލަނޑު ކާމިޔާބުކުރިއިރު، މިދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. އަދި ދެވަނަ ހާފުގައި ރެއާލް އިން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު މިހާފުގައި އެޓީމުގެ ވިނީޝިއަސް ޖޫނިއަރ، ޖޫޑް ބެލިންގްހަމް އަދި ފްރެންކޯ މަސްޓަންޓުއޯނޯ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑަކީ މޮނާކޯގެ ޑިފެންޑަރު ތިލޯ ކެރްރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން މިމެޗުގައި މޮނާކޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމުގެ ޑިފެންޑަރު ޖޯޑަން ޓެޒޭ ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. ވިނީ ވަނީ މިމެޗުގައި ލަނޑެއް ޖެހުމުގެ އިތުރުން އިތުރު ތިން ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
މިނަތީޖާއެކު ލީގު ބުރުގައި ކުޅުނު ހަތް މެޗުން ރެއާލް މެޑްރިޑަށް 15 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި މޮނާކޯ އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓިމު މިވަގުތު އޮތީ ތާވަލުގެ 20 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޔުރޮޕާ ލީގު: ފެނަބާޗޭ ބަލިކޮށް، ބާކީ އެއްމެޗު އޮއްވައި އެސްޓަންވިލާ އިން ދެވަނަ ބުރު ޔަގީންކޮށްފި
ދުވަހެއް ކުރިން

ޔުރޮޕާ ލީގް: ރަށުން ބޭރުގައި ބްރާގާ އަތުން ފޮރެސްޓް ބަލިވެއްޖެ
ދުވަހެއް ކުރިން

ކޭންގެ ދެލަނޑާއެކު ރޯޔަލް ޔޫނިއަން ބަލިކޮށް ބަޔާން އިން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި
2 ދުވަސް ކުރިން

ވާދަވެރި ކުޅުމަކަަށްފަހު ފަހަތުން އަރައި ބާސެލޯނާ އިން ސްލާވިއާ ޕްރާގް ބަލިކޮށްފި
2 ދުވަސް ކުރިން


