logo
ރޯޔަލް ޔޫނިއަން އާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން..

ރޯޔަލް ޔޫނިއަން އާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން..

ކޭންގެ ދެލަނޑާއެކު ރޯޔަލް ޔޫނިއަން ބަލިކޮށް ބަޔާން އިން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި

profile

ހަސަން ޝަމްއޫން - 22 ޖެނުއަރީ 2026 - 00:27

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ރޯޔަލް ޔޫނިއަން އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއްމެޗު އޮއްވައި ބަޔާން މިޔުނިކުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު މެޗުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިމުބާރާތުގައި ރޯޔަލް ޔޫނިއަން އެންމެ ފަހުން ކުޅުނު މެޗުގައި ފްރާންސްގެ މާސޭ އަތުން އަމިއްލަ ދަނޑުގައި އެޓީމު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ރޯޔަލް ޔޫނިއަންގެ ޑިފެންސް ފޫއަޅުވާލުމުގައި އެޓީމަށް ވަނީ ކާމިޔާބު ހޯދޭގޮތްނުވެފައެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމު ވަނީ ގާތްގާތުގައި ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން ބަޔާން މިޔުނިކްގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓުފަހުން އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލީޑު ފުޅާކޮށްދިނީ ވެސް ކޭން އެވެ. އަދި މިއީ މިސީޒަނުގައި ޗެމްޕިއަންސްގައި ހެރީ ކޭން ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.

ނަމަވެސް މިމެޗުގައި ބަޔާން މިޔުނިކަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 63 ވަނަ މިނެޓުގައި ޑިފެންޑަރު ކިމް މިން ޖޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މީގެ އިތުރުން މެޗުގެ 81 ވަނަ މިނެޓުގައި ބަޔާން މިޔުނިކަށް އިތުރު ޕެނަލްޓީއެއް ލިބުނުއިރު، ހެޓްރިކް ހަދަން ލިބުނު ފުރުސަތުގައި ހެރީ ކޭން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މިއީ ޗެމްޕިއަންސް ލީގު މެޗެއްގައި މިހާތަނަށް ކޭން ޖެހި 14 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީ އެވެ.

މިނަތީޖާއެކު ލީގުބުރުގައި ބަޔާން މިޔުނިކް ކުޅުނު ހަތް މެޗުން އެޓީމަށް 18 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އެއްމެޗު އޮއްވައި އެޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ރޯޔަލް ޔޫނިއަން އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 31 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay