
ހުޅުދުއްފާރު ބޮޑުމަގުން: ފެހިކަމުން، ތާރަށްކުރާ މަޖުބޫރީ ދަތުރު!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 01 ސެޕްޓެމްބަރު 2025 - 08:08
⌕ ރ. ހުޅުދުއްފާރުން، ޒިދާން މުޙައްމަދު، އަސްލު ޓީވީ:
ލިޔުމުގެ މުހިންމު ނުކުތާތައް:
- މަގުތަކުގެ ދެ ފަރާތުގައި ހެދިފައިވާ ރުއްތަކަކީ ހުޅުދުއްފާރުގެ ފަހުރެއް
- ރުއްތައް އަލުން އިންދުމުގެ ޕްލޭން އޮތީ މަޝްރޫޢުގެ ފަހަށް
- ހުޅުދުއްފާރު މަގުތައް ހަދަން ހަވާލުކޮށްފައި ވަނީ އާރްޑީސީ އަށް
- ޖުމުލަ 300 އަށްވުރެ ރުއް ލުހެލާނެ ކަމަށް މައުލޫމާތު ލިބޭ
ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ސަރާސަރުކޮށް އޮތް މަގުގެ ދެފަރާތުގައި ތަރުތީބުކޮށް ހުރީ ފަސްމީރުކުރިރުއްތެކެކެވެ. ދެ ފަރާތުން އެއް ވަރެއްގައި އެ ހުރީ ޙުއްބުލްވަޠަންގެ ނިޝާންތަކެކެވެ. ދިވެހީންގެ ގައުމީ ގަހެވެ. ދިވެހި ރުކެވެ. ފަސްގަނޑު އެއްވަރު، ސާފުތާހިރުކޮށް އޮތްމަގުގެ ދެ ފަރާތުގައިވާ އެ ރުއްތަކުން މަންޒަރު އިތުރަށް ފުރިހަމަކޮށްދެއެވެ.
މީގެ އަހަރުތަކެއް ކުރިން ނަމަވެސް، ރ. ހުޅުދުއްފާރުގެ ބޮޑުމަގު ފެންނާނީ މިސިފަކޮށްދިން ގޮތަށެވެ. ނަމަވެސް، މިއަދު ފެންނަނީ އެހެން މަންޒަރެކެވެ. މިހިނގާ އޯގަސްޓުމަހުގެ 21 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް އަސްލު ޓީވީގެ ފަރާތުން ރ. އަތޮޅުގެ މީހުން ދިރިއުޅޭ 6 ރަށަަކަށް ކުރި ދަތުރުގައި، މިއަތޮޅުން އަހަރެމެން ޒިޔާރަތްކުރި ފުރަތަމަ މަންޒިލަކީ ހުޅުދުއްފާރެވެ. ވަރަށް ގާތުން މިމަންޒަރު ދުށީމެވެ.
ހުޅުދުއްފާރުގެ ބޮޑު މަގު މީގެ ކުރިން ފެންނަ ގޮތް ----
1993 ވަނަ އަހަރުން ފެށިގެން މީހުން ވަޒަންވެރިވާން ފެށި އަދި 1995ގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވާ ރ. ހުޅުދުއްފާރަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެކެވެ. ރ. އުނގުލާއި ރ. އުނޑޫދޫގެ މީހުން އާބާދުވެ ދިރިއުޅެމުންދާ މި ރަށުގައި މީހުން ދިރިއުޅުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކޮށްފައިވަނީ މިރަށު މީހުންގެ އަމިއްލަ މަސައްކަތުންނެވެ.
މިގޮތުން ކުރެވުނު މަސައްކަތުން އެމީހުން ވަނީ ފަހުރުވެރިވާފަދަ ހާއްސަ ކަމެއް އެރަށަށް ގެނެސްފައެވެ. ރަށުގެ ބޮޑެތި މަގުތަކުގެ ދެ ފަރާތުގައި ހައްދާފައި ހުރި ރުއްތަކަކީ، ހާހަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ އެންމެ ހާއްސަ ކަމަކަށް އޮތީވެފައެވެ. އެއީ ހުޅުދުއްފާރަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނެއްގެ ނަޒަރު ވެސް އެންމެ ބޮޑަށް ހުއްޓުނު މަންޒަރެވެ. އެއީ ހުޅުދުއްފާރުކަން ދައްކައިދިން ރަމްޒެވެ.
އެކަމަކު ޒަމާނީ ފެންވަަރަށް މަގު ތަރައްގީކުރުމަށް، އެ ރަށުގެ ބޮޑު މަގުގައި ހުރި ރުއްތައް ނެގުމާއެކު، މިހާރު ވަނީ މަންޒަރު ބަދަލުވެފައެވެ. އެ ހިތްގައިމު މަންޒަރުން ބޮޑުބައި ގެއްލިއްޖެއެވެ. ރީތިކަމާއި ހާއްސަކަމުގެ ބޮޑުބައި ނެތިއްޖެއެވެ.
ހުޅުދުއްފާރުގެ ބޮޑު މަގުން ރުއްތައް ނަގާ މަންޒަރު --- ފައިލް ފޮޓޯ
ހުޅުދުއްފާރުގެ މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީކުރުމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ހަވާލުކޮށްފައިވާ މަޝްރޫޢުގެ ދަށުން ހުޅުދުއްފާރުގެ ބޮޑެތި މަގުގެ 5 މަގެއް ތާރު އަޅައި ތައްރައްގީކުރާނެއެވެ. މި ފަސް މަގުގެ ތެރޭގައި ދެ ފަރާތުގައި ރުއް އިންދާފައި ހުރި ބޮޑުތަކުރުފާނު މަގާއި އަމީނީމަގު އަދި މަޖީދީމަގު ވެސް ހިމެނޭ އިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޖުމުލަ 300 އަށްވުރެ ގިނަ ރުއް ލުހެލާނެއެވެ.
ހުޅުދުއްފާރު މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ރަށުގެ ރުއްތަށް ނެގުމަށް ރައްޔިތުންގެ ހިޔާލު ހޯދަން އެރަށު ކައުންސިލްގެ ފާއިތުވި ދައުރުގެ މެމްބަރުން ވަނީ 2019 ވަނަ އަހަރު ރައްޔިތުންނާ މަޝްވަރާކޮށްފައެވެ. މިގޮތުން މަޝްވަރާކުރުމަށް ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ބައިވެރިވި 50 އެއްހާ މީހުން އެއްބަސްވީ އެ ރުއްތައް ނަގާށެވެ.
"އަސްލު ޓީވީ"އާ ވާހަކަދައްކަވަމުން ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު އާޠިފް ވިދާޅުވީ، މަގުތައް ތަރައްގީކުރުމަށްޓަކައި މަގުތަކުން ނަގާ ރުއްތައް އެހެން ތަންތަަނުގައި އިންދާނެ ކަމަށެވެ. މިގޮތުން ބައެއް ރުއްތައް އެހެން ރަށްރަށަށް ބަދަލުކުރުމުގެ އިތުރުން ރަށުގެ ވަށަމަގު ފަދަ ތަންތަނަށްވެސް ރުއްތަކެއް ބަދަލުކުރެވިގެންދާނެ ކަމަށެވެ. މިގޮތުން ނެގުނު ބައެއް ރުއްތައް ވަށަމަގުގައި މިހާރުވެސް އިންދައިފި މެއެވެ.
ހުޅުދުއްފާރުގެ ބޮޑު މަގުން ރުއްތައް ނުނަގާ އޮތް ހިސާބު ފެންނަ ގޮތް --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު
ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރާއިރު، ބޮޑުތަކުރުފާނު މަގު ތަރައްގީކުރަނީ މެދުގައި ގްރީން ޒޯނެއް އޮންނަ ގޮތަށެވެ. އެ ޒޯންގައި ރުއްގަސް އިންދާނެއެވެ. ދެން ތަރައްގީކުރާ މަގުތަކުގައި ދެ ފަރާތުގައި ގްރީން ޒޯން އޮންނާނެއެވެ.
ހުޅުދުއްފާރު ކައުންސިލްގެ ރައީސް ވިދާޅުވީ، އެ މަގުގައި ރުއް ހުރެގެން، ރައްޔިތުންނަށް މާބޮޑު މަންފާތަކެއް ނުލިބޭ ކަމަށާއި މަގު ޒަމާނީ ފެންވަރަށް ހެދުމުން އެކަމުގެ ލުއިފަސޭހަ އެންމެންނަށްވެސް ލިބޭނޭ ކަމަށެވެ. ރުއްތައް ނަގާތީ ފާޑުކީ ގިނަ މީހުންނަކީ ރަށުގައި ދިރިއުޅޭ މީހުން ނޫންކަން ފާހަގަކުރައްވައި ހުޅުދުއްފާރު ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށުގެ ކަންކަން ނިންމާނީ ރަށުގައި ދިރިއުޅޭ ރައްޔިތުން ރުހޭ ގޮތަށް ކަމަށެވެ.
އޭބީސީ ލޭޔަރާ ހަމައިން ހުޅުދުއްފާރުގެ ބޮޑު މަގު ހެދުމުގެ މަސައްކަތް ހުއްޓިފައި --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު
ހުޅުދުއްފާރުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2022 އަހަރުގެ އޭޕްރީލް މަހުއެވެ. މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކުއެވެ.
ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުއަކީ، މަގު ހެދުމަށް އެރަށުގައި ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫޢުއެވެ. ނަމަވެސް މިމަޝްރޫއު މިވަގުތު އޮތީ ހުއްޓިފައެވެ. މަގުގެ އެއްބައިގައި ތާރުއަޅާފައިވާއިރު، އަނެއްބައި އޮތީ އޭބީސީ ލޭޔަރު އެޅި ހިސާބުން މަޑުޖެހިފައެވެ. އެމަގުގައި އަދި އަތްނުލާ ބަައެއްވެސް އެބަ އޮތެވެ.
ހުޅުދުއްފާރުގެ ބޮޑު މަގު ހެދުމުގެ މަސައްކަތް ހުއްޓިފައި --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު
ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 3.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާނެއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ސަރަހައްދުގެ އިތުރުން ދެން ހަދާނީ ރަށުގައި އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މައި 5 މަގެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުދުއްފާރުގައި ފެންހިންދާ ނިޒާމު ޤާއިމުކުރާނެއެވެ. އަދި މަގު ބައްތި ޖެހުންވެސް ހިމެނެއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުދުއްފާރު މަގުތައް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 88.9 މިލިއަން ރުފިޔާއަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން