logo

އޭޕީއޭޕީގެ ސައިޑް އިވެންޓް ރިޔާސަތުގައި ރާއްޖެ

profile

އާމިނަތު ޝަފާ - 05 ސެޕްޓެމްބަރު 2024 - 11:05

މިނިސްޓަރ ތޯރިގް އޭޕީއޭޕީ އިވެންޓުގައި

މިނިސްޓަރ ތޯރިގް އޭޕީއޭޕީ އިވެންޓުގައި

ދިވެހިރާއްޖެއިން އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް (އޭޕީއޭޕީ)ގެ ބައި-ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން، އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު "ސެލެބްރޭޓިންގ ދަ ޑެކޭޑް އޮފް އެޑްވާންސިންގ ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ" ގެ ނަމުގައި ބޭއްވުނު ސައިޑް އިވެންޓްގެ ރިޔާސަތު ބަލަހައްޓައިފިއެވެ.

މި އިވެންޓަކީ އޭޝިއާގެ ސަރަޙައްދުގައި ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ އިވެންޓެކެވެ.

ދިވެހިރާއްޖެއިން މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓުމުން، ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ސަމާލުކަން ލިބި، އަދި އޭޝިއާ ސަރަޙައްދުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އުއްމީދުކުރެއެވެ.

އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު މި އިވެންޓުގައި، އޭޝިއާގެ އެކި ޤައުމުތަކުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ސަރުކާރުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އިވެންޓުން ލިބުނު މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ކުރިއަށް އޮތް ތަނުގައި އޭޝިއާގެ ސަރަޙައްދުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

މީގެ އިތުރުން އޭޕީއޭޕީ ރޯޑްމެޕްވެސް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ވަނީ ތަޢާރަފުކޮށްދެއްވައިފައެވެ.

އޭޕީއޭޕީ ރޯޑްމެޕްގެ މަޤްޞަދަކީ އޭޝިއާ ސަރަޙައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމެވެ.

މިނިސްޓަރ ޠާރިޤު ވިދާޅުވީ މި ރޯޑްމެޕްގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ރޯޑްމެޕްގެ ސަބަބުން އޭޝިއާގެ އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިވެ، ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

tel:+9607331319