logo

މަގޭ ސޯލާ މަޝްރޫއަށް ބޭނުންވާ ތަކެތި އަންނަ މަހު ރާއްޖެއަށް

profile

އާމިނަތު ޝަފާ - 24 އޯގަސްޓު 2024 - 12:12

ސޯލާ ޕެނެލްތަކެއް

ސޯލާ ޕެނެލްތަކެއް

"މަގޭ ސޯލާ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަރުޙަލާއަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ރާއްޖެ ގެނެވޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު ވިދާޅުވެއްޖެއެވެ.

މިމަޝްރޫޢުގެ ދަށުން އިޔަދަކުރަނިވި ހަކަތައިގެ މަސައްކަތް ފުރަތަމަ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނަކައިގެ ދަށުން ކަރަންޓު ފޯރުކޮށްދެމުންދާ ރަށްރަށުގައިކަމަށް މުއާވިޔަތު ވިދާޅުވިއެވެ.

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް 4 އިންސައްތައިން 33އިންސައްތައަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިކަމާ ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރުގެ ނައިބު ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ ފުރަތަމަ މަރުޙަލާގައި ހިމެނޭ 750 ގޭބިސީގައި ހަރުކުރަން ނިންމާފައިވާ ސޯލާއާއި އެކަމަށް ބޭނުންވާ ވަޞީލަތްތައް ހިމެނޭ ފުރަތަމަ ޝިޕްމަންޓް ގެންނަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގައި އަވިން ހަކަތަ އުފައްދާ ނިޒާމުތައް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުގެ ދަށުންނެވެ. މި އުސޫލުގެ ދަށުން ބިލު ކުރާނީ ގޭބިސީއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދުން ސޯލާ ޕީވީ ނިޒާމުން އުފެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށެވެ. ކަރަންޓު ބިލުން އުނިވާ އަދަދު، އިންސްޓޯލްމަންޓް އުސޫލުން ގަނެފައިވާ ޕީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި ހިމެނޭނެ އެވެ.

މިއީ މުހިންމު މަޝްރޫޢެއް ކަމުގައި ދެކިގެން މި މަސައްކަތް ސަރުކާރުން ފެށީ ސީދާ ރައްޔިތުންގެ ޖީބަށާއި ސަރުކާރުގެ ބަޖެޓަށް ވެސް ފަސޭހަ ކޮށްދިނުމަށް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ސޯލާ ޕީވީ އިން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދެވޭނެއެވެ. މި 3 މެގަވޮޓުގެ ސޯލާޕީވީ ގޭބިސީތަކަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން މިއަދު މިވަނީ އެ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އާއްމުކޮށް ބީލަމަށް ހުޅުވާލާފައެވެ. މިފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މިނިޒާމުތައް ގާއިމުކުރެވޭނީ ނެޓް މީޓަރިންގ އުސޫލުގެ ދަށުންނެވެ.

ސޯލަރ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު، މިފަދަ ނިޒާމަކަށް އެއްފަހަރާ އަގުއަދާ ކުރުމަކީ އާއްމު ފަރުދުންނަށް ދަތިކަމެކެވެ. މިއަދު އިފްތިތާހްކުރި ޕްރޮގްރާމު ރާވާފައިވަނީ މިފަދަ ދަތިތަކަށް ލުޔެއް ހޯދައިދީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތަށެވެ. އަދި ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިޔުންނަށް ލިބިގެންދާނެ ގޮތަށެވެ.

tel:+9607331319