އަތޮޅުތެރެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ތޯރިޤް އިބްރާހީމް ފުވައްމުލަކަށް ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފުވައްމުލަކުސިޓީ ކައުންސިލާއި މިއަދު ބައްދަލުކުރައްވާފައިވާއިރުމި ބައްދަލު ވުމުގައި ފުވައްމުލަކުސިޓީ ކައުންސިލްގެ މެޔަރާއި ކައުންސިލްގެ މެންބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގައިވެސް އެންމެ ބޮޑު ޝަކުވާއެއް ކުރިމަތިވީ ރަށުގެ ކަރަންޓުގެ ހާލަތާ ގުޅޭ ގޮތުންނެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ތޯރިޤް ވަނީ ފުވައްމުލަކުގައި ހުރި ފެނަކައިގެ އެކި ވަސީލަތްތައް ބައްލަވާލައްވާފައެވެ.
މުޅި ރާއްޖޭގައި ފެނަކައިން ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން ދަނީ ފެނަކައާ ގުޅިގެން މަސައްކަތްކުރަމުންނެވެ. މިގޮތުން ދެ މުއައްސަސާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމާއި، ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.
މިނިސްޓަރ ތޯރިޤްގެ މި ދަތުރުފުޅަކީ ރަށްރަށުގައި ހުރި ފެނަކައިގެ ވަސީލަތްތަކުގެ ޙާލަތު ބެއްލެވުމަށާއި، އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން މިހާރު 47 ރަށަކަށް ޖަނަރޭޓަރު ފޮނުވާފައިވާކަމަށް ފެނަކައިންވަނީ ބުނެފައެވެ.
ފެނަކައިން ބުނީ މައްސަލަ ހައްލުކުރުމަސް އިތުރު ރަށްރަށަށްވެސް ބޭނުންވާ ޖަނަރޭޓަރުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. ކަރަންޓުގެ މައްސަލަ ދިިމާވި ބޮޑެތި ރަށްރަށަށް ބަލާއިރު ފުވައްމުލަކު ސިޓީ ހިމެނެއެވެ.
ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލު ގެނެވޭނެ ކަމަށާއި މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރުގައި ރައްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފެނަކައިގެ އެކި ބްރާންޗުތައް ހުރީ ވަރަށް ހާލުދެރަކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.
ފެނަކަ ކުންފުނީގެ ދަރަނި 4 ބިލިއަން ރުފިޔާއަށް އަރައެވެ. ކުންފުނީގެ ބްރާންޗުތަކުގައި ހުރި ޖެނެރޭޓަރު ސެޓުތަކާއި އެކި އާލާތްތައް މަރާމާތު ކުރުމުގެ އިތުރުން ދަރަނި އަނބުރާ ދެއްކުމާއި މަސައްކަތް ކުރިއަށްދާނެކަން ރައީސް އޭރުވަނީ ފާހަގަކުރައްވާފައެވެ.