logo

ރާއްޖޭގެ ކުރިމަގު ބިނާވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް : ތޯރިގް

profile

އާމިނަތު ޝަފާ - 10 ސެޕްޓެމްބަރު 2024 - 19:43

ވަޒީރު ވާހަކަފުޅު ދައްކަވަނީ

ވަޒީރު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ ކުރިމަގު ބިނާވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ މައްޗަށްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "ސިޑްސް" ގެ މަހާސިންދާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވަމުންދާ ގުދުރަތީ ކާރިސާތަކުގެ ނުރައްކާތެރިކަމާއި، މިންވަރު އަދި ތަކުރާރުވާ މިންވަރު އިތުރުވަމުންދާކަމަށް މިނިސްޓަރ ޠާރިޤު އިބްރާހިމް ގެ ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ވިއްސާރަ، ބަނޑުހައިހޫނުކަން، ފެންބޮޑުވުން، އަލިފާނުގެ ހާދިސާތައް އަދި އެހެނިހެން ހަރުކަށި މޫސުމީ ހާދިސާތަކުގެ ސަބަބުން އިންސާނީ ގެއްލުންތައް އިތުރުވަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

މި ހާދިސާތަކުގެ ސަބަބުން ދިރިއުޅުމަށާއި މުހިންމު އަސާސީ ވަސީލަތްތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވަމުންދާކަމަށާއި، މި ގެއްލުންތަކަކީ ގިނަ ފަހަރަށް އަނބުރާ ރުޖޫޢަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއްކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ. އަދި މީގެ ސަބަބުން މަދު ވަސީލަތްތައް ހުސްވަމުންދާ ކަމަށާއި، ބިން ގެއްލުމާއި، ފެނާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކާވަމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވުޖޫދު ގެއްލިދާނެކަމުގެ ބިރު ހީވަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. ދިވެހިރާއްޖޭގެ 80 އިންސައްތަ ރަށްތައް ހުންނަނީ މޫދުގެ ސަތަހައިން މީޓަރެއްގެ އުސްމިނުގައި ކަމަށާއި، 50 އިންސައްތަ ގެދޮރު ހުންނަނީ ގޮނޑުދޮށާ 100 މީޓަރު ދުރުމިނުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މޫދުގެ ލޮނުގަނޑު އުފުލުމާއި ހަރުކަށި މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ވުޖޫދަށް ނުރައްކާވެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.

މި ހާލަތުގައި ވެސް ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އިންސާނީ އަދި ސަލާމަތީ ނުރައްކާތަކާ ކުރިމަތިލުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން ރަށްރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ހައްލުތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި، ގުދުރަތީ ނިޒާމުތައް ރައްކާތެރިކުރުމަށް އިސްކަންދެމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ދިވެހިރާއްޖެ ފަދަ ނާޒުކު ޤައުމުތަކުގެ ކުރިމަގު ބިނާވެފައި އޮތީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. މިގޮތުން ތަރައްޤީވެފައިވާ ޤައުމުތަކާއި، ކުރީގައި ތިމާވެއްޓަށް ގެއްލުންދޭ ގޭސް ބޮޑަށް ބޭރުކުރި ޤައުމުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް ކުރިއަށް އަންނަންޖެހޭ ކަމަށް މިނިސްޓަރ ގޮވާލެއްވެވިއެވެ.

"އަޅުގަނޑު އަޅުގަނޑުމެންގެ ބައިވެރިންނަށް ގޮވާލަން، މޫސުމަށް އަންނަ ބަދަލުތަކަކީ އަޅުގަނޑުމެންގެ ޖީލުގައި ދިމާވެފައިވާ އެންމެ ކުއްލި ހާލަތެއްގެ ގޮތުގައި ދެކި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އަޅުގަނޑުމެންގެ ކާބަފައިންގެ ރަށްތަކުގައި ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް،"

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ފެން ޝޯޓޭޖާއި ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަދުވާ ވަސީލަތްތަކުން ބޮޑެތި ހޭދަތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. ނަމަވެސް މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަކީ އެހެން މައްސަލަތައް އިތުރަށް ގޯސްކޮށްލާ، އިޖްތިމާޢީ ހަމަނުޖެހުންތައް އުފެއްދުމަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވެވިއެވެ. އެހެންކަމުން މި މައްސަލައަށް ހައްލު ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

tel:+9607331319