logo

ރަށުގެ ބައެއް މީހުން އަދިވެސް ތިބީ ފެނަކައިން ދޫކުރާ ފެން ނުބޯ ގޮތަށް: ދަރަވަންދޫ ކައުންސިލް

profile

ޒިދާން މުޙައްމަދު - 14 ސެޕްޓެމްބަރު 2024 - 14:35

ބ. ދަރަވަންދޫ

ބ. ދަރަވަންދޫ

މުއްދަތު ހަމަވެފައިވާ ކްލޮރިން އަޅައިގެން ފެނަކަ ދަރަވަންދޫ ބްރާންޗުން ފެން ދޫކުރަމުންދާ ކަމަށް ބުނެ، ރަށުގެ ބައެއް މީހުން އަދިވެސް ތިބީ ފެނަކައިން ދޫކުރާ ފެން ނުބޯ ގޮތަށް ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފިއެެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު "އަސްލު" ނޫހަށް ވިދާޅުވީ، މުއްދަތު ހަމަވެފައިވާ ކްލޮރިން އެޅި ކަމަށް، ފެނަކަ ދަރަވަންދޫ ބްރާންޗުގެ މެނޭޖަރު އިއުތިރާފުވެފައިވާ ކަމަށާއި، ފެނުގެ ރައްކާތެރިކަން ކަށަވަރު ނުވާތީ އަދިވެސް ބައެއް މީހުން ތިބީ އެ ފެން ނުބޯން ކަމަށެވެ. އަދި ފެނުނުގެ ޓެސްޓު ހަދައި ކައުންސިލަށް ތަހުލީލު ރިޕޯޓު ހިއްސާކުރުމަށް އެދުނު ނަމަވެސް އެ ރިޕޯޓު އަދިވެސް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މުއްދަތު ހަމަވެފައިވާ ކްލޮރިން އަޅައިގެން ފެނަކަ ދަރަވަންދޫ ބްރާންޗުން ފެން ދޫކުރަމުންދާ ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ދަރަވަންދޫ ކައުންސިލުންވަނީ ފެނަކައާ ދެކޮޅަށް ކޯޓަށްވެސް ގޮސްފައެވެ.

އެ ރަށު ކައުންސިލުން ކޯޓުގައި އެދިފައިވަނީ ކޯޓު އަމުރަކުން އެކަން ހުއްޓުވައި ދިނުމަށެވެ.

ދަރަވަންދޫ ކައުންސިލުން އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރަށު ކައުންސިލާއި ރަށު ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ޑިޕާޓްމަންޓުން ބެލި ބެލުމުން މިވަގުތު ފެނަކައިން ދޫކުރަމުންދަނީ މުއްދަތު ހަމަވެފައިވާ ކްލޮރިން އެޅި ފެން ކަން ސާބިތުވާ ކަމަށެވެ. އަދި އެކަމަށް ފެނަކަ ބްރާންޗްު ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ފަރާތުންވެސް އިއުތިރާފްވާ ކަމަށް މައްސަލައިގައި ކައުންސިލުން ބުނެފައިވެއެވެ.

މި ދައުވާގެ ރައްދުގައި ފެނަކައިން ނެގީ އިޖުރާއީ ކަންތައްތަކެވެ. އެގޮތުން ދައުވާ ހުށަހެޅުމާއި ގުޅޭ އިޖުރާއީ މައްސަލަތަކާއި ދައުވާ ފޯމާ ގުޅޭ އިޖުރާއީ މައްސަލަތަކާއި އަދި ދައުވާއާ ގުޅިގެން ހުށަހަޅާފައިވާ ހެކިތައް ހޯދާފައިވާ ގޮތާ ގުޅޭ ގޮތުން އިޖުރާއީ ގޮތުން ހުރި ކަންކަން ފެނަކައިން ވަނީ ޝަރީއަތުގައި ފާހަގަކޮށްފައެވެ.

ފެނަކައިން މި މައްސަލައިގައި ނެގި އިޖުރާއީ ނުކުތާތަކުގެ އަލީގައި މައްސަލަ ބެއްލެވި މެޖިސްޓްރޭޓް މަރިޔަމް ރަސާ ރާފިއު ނިންމެވީ، ރަށު ކައުންސިލުން އެދުނު އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.

ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް އޮގަސްޓް 29 ވަނަ ދުވަހު ހުށަހެޅި މިމައްސަލަ އެ ކޯޓުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

tel:+9607331319