އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށާއި މައްސަލަ ޙައްލު ކުރުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި އައްޑޫގެ އެމްޑަބްލިޔުއެސްސީގެ ފަރާތުން ދެއްވި އަވަސް އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.
ފެން އުފައްދާ އާރުއޯ ޕްލާންޓުގެ ބޯރްހޯލް ޕަންޕަށް މައްސަލައެއް ދިމާވެ އައްޑޫ ސިޓީން ފެން ކެނޑުނީ މިއަދު ހެނދުނުއެވެ.
ފެނަކައިން މިއަދު ހެނދުނު ބުނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓުގެ ބޯރްހޯލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލާންޓް ހުއްޓިފައިވާ ކަމަށެވެ.
އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމަށް ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ. 282 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢު އެކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓް އަޕްގްރޭޑް ކުރުމާއި ހުޅުމީދޫގައި ހުންނަ ޑީސެލިނޭޝަން ޕްލާންޓް އަޕްގްރޭޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ރަށުގެ ފެން ތަހުލީލު ކުރުމަށް ބޭނުންވާ ލެބޯޓަރީ ވަސީލަތްތައް ޤާޢިމްކުރާނެއެވެ.
މީގެ އިތުރުން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތްކުރުމާއި، ބޯ ހޯލް ތޮރުފުމާއި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް ޤާއިމް ކުރުމުގެ އިތުރުން ފެން ރައްކާކުރުމުގެ ރިޒާވް އިތުރު ކުރެވޭނެއެވެ. އަދި ގުޅިފައިވާ ރަށްތަކަށް ޚިދުމަތް ދިނުމަށް 6 ތާންގީއެއް ބަހައްޓައި 13،000 ޓަނަށް ސްޓޯރޭޖް އިތުރު ކުރެވޭނެއެވެ.
މިއާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ޤާއިމްވެފައި ހުރި 3 ގަޑިއިރުގެ ފެނުގެ ރިޒާވް، ހަފްތާއެއް ހާ ދުވަހުގެ ރިޒާވަކަށް ބޮޑުވެގެންދާނެއެވެ.
މިމަސައްކަތުގެ ދަށުން ވަކިން އޮންނަ ހުޅުމީދޫގައި ދުވާލެއްގެ މައްޗަށް 350 ޓަނުގެ ފެން އުފެއްދޭ 2 އާރާއޯ ޕްލާންޓް ޤާއިމް ކުރެވި އާރްއޯ ފެސިލިޓީ އިމާރާތް ޤާއިމް ކުރެވޭނެއެވެ. އަދި އެރަށުގެ ފެން ރައްކާކުރުމުގެ ސްޓޯރޭޖް ކެޕޭސިޓީ 3000 ޓަނަށް މަތި ކުރެވޭނެއެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވުނު މަސައްކަތުގެ ދަށުން ގުޅިފައިވާ ރަށްތަކުގައި އަދި ހުޅުމީދޫގައިވެސް އައު ބްރައިން އައުޓްފޯލް ހޮޅި ގާއިމްކުރާނެއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ދެމުންދާ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓަށް މައްސަލަ ދިމާވެ، ފެނުގެ ޚިދުމަތް މިފަހަކަށް އައިސް ވަރަށް ގިނައިން މެދުކެނޑެއެވެ.ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުއާއެކު އައްޑޫ ސިޓީގެ ފެނުގެ ހިދުމަތަށް ބުރޫ އެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމެވެ.