ފެނަކަ ކޯޕަރޭޝަނުން ފޭކް ސްޕެއާތަކެއް ބޮޑު އަގުގައި ގަނެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
ފެނަކައިން އެގޮތަށް ބުނެ ބަޔާނެއް ނެރެފައިވަނީ އެ ކުންފުނިން ނުއަގުގައި މުދާ ގަތް ކަމަށް ބުނެ ރެޖިސްޓްރީކޮށްގެން ހިންގާ ނޫހަކުން ޝާއިއުކުރި ހަބަރަކާ ގުޅިގެން ނެވެ.
ފެނަކައިން ބުނީ އެ ހަބަރުގައި ހަވާލާދީފައިވާ ލިޔުންތަކުން ފެންނަ މުދަލަކީ، އެ ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫން ކަމަށެވެ. އަދި އެ ކުންފުންޏަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތް އޮތީ، ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީއާ އެއްގޮތަށް ޓެންޑާ މަރުހަލާގައި ކަމަށެވެ. އެއީ ގަނެފައިވާ މުދަލަށް ނުވާތީ، އެ ތަކެއްޗަށް ފައިސާ ވެސް ދައްކާފައިނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފެނަކައިން ބުނީ އެ ކުންފުންޏަށް މުސާ ގަންނަނީ ފަންނީ މުވައްޒަފުންނަށް ފުރިހަމައަށް ބާރުލިބޭ ގޮތަށް އޮތް އިޖުރާއަތުތަކެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ފުރިހަމަ ވެގެން އަންނަ އިރު ކުންފުންނަށް ގަނެވޭ މުދަލުގެ ކޮލިޓީއާއި، އަގު އަދި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ހިދުމަތާއި ވަގުތުގެ ހާލަތަށް ރިއާޔަތްކުރެވޭނެ ކަމަށެވެ.
މީގެއިތުރުން އާ މެނޭޖްމެންޓުން ކުންފުންޏާ ހަވާލުވުމަށްފަހު، ކުރިން އަމަލުކުރަމުންދިޔަ ޕްރޮކިއުމެންޓް އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުންތައް ހުއްޓުވައި އުސޫލުތައް ހަރުދަނާކުރެވުނުކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، އެ ކުންފުންޏަށް ފެންވަރު ދަށް މުދަލާއި ހިދުމަތް ފޯރުކޮށްދެމުންދިޔަ "ފޭކް" ކުންފުނިތައް ނުވަތަ ވެންޑަރުން ބްލެކް ލިސްޓު ކުރެވުނުކަމަށް ފެނަކައިން ބުނެފައިވެ އެވެ. އަދި އެގޮތަށް ނިންމީ ކުންފުނީގެ މުވައްޒަފުންގެ ލަފާއާ އެއްގޮތަށް ކަމަށް ވެސް ބުނެފަިވެ އެވެ.
ފެނަކައިން ބުނީ، ހިދުމަތް ދޭ ފަރާތްތަކަކީ ހަރުދަނާ ޓެންޑަރ ޕްރޮސެސްއެއްގެ ތެރެއިން ކުންފުނީގައި ރެޖިސްޓްރީ ކުރެވި، އެއްބަސްވުމެއް ގާއިމުވުމުގެ ކުރިން ކޮމިޓީތަކުގައި އިވޭލުއޭޓްކުރެވޭ ފަރާތްތަކެއް ކަމަށެވެ. އެހެންކަމުން، ފެނަކައިން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކުގެ ބޮލުގައި "ފޭކް" ކަމަށް އިލްޒާމު އަޅުވާ ހަބަރު ފެތުރުމަކީ އެ ފަރާތްތަކާއި ކުންފުންޏާ މެދު އޮތް ގުޅުން ހީނަރުވެ އިތުބާރު ގެއްލޭނެ ސަބަބެއް ކަމަށެވެ.
"ކުންފުނީގެ އައު މެނޭޖްމެންޓުން އަޅަމުންދާ ފިޔަވަޅުތަކުންނާއި، ކުރިން ކުންފުންޏަށް ވެފައިވާ އިހުމާލުތަކުގެ ވާހަކަ ފާޅުކޮށްފައިވާތީ، ޒާތީ ނުވަތަ ސިޔާސީ ނުރުހުމެއްގެ ތެރެއިން ނަމަވެސް ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ މިފަދަ ހަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރަމެވެ." ފެނަކަ އިން ބުންޏެވެ.