logo

މަގު ބައްތިތައް ރައްކާތެރި މިންގަނޑާ އެއްގޮތްކުރުމަށް އަވަސް ގޮތެއް ހޯދަނީ

profile

އައިޝަތު އިނާޝާ - 05 އޯގަސްޓު 2024 - 18:29

1722795578.jpg

1722795578.jpg

ރައްކާތެރި މިންގަނޑުތަކާ ޚިލާފަށް ހުންނަ މަގުބައްތިތަކަށް މި މަހަށް ފަހު ކަރަންޓު ދިނުން ހުއްޓާލުމަށް ފެނަކައިން ނިންމުމާ ގުޅިގެން އަވަސް ގޮތެއްގައި މަގުބައްތިތައް މިންގަނޑަށް ފައްތާ، ރަށްޔިތުންނަށް އެ ކަމުގެ ދަތި އުނދަގޫ ނުވާނެ ގޮތަކަށް މައްސަލަ ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ސިޓީތަކާ އިދާރީދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ވަޒީރު އާދަމް ޝަރީފު ޢުމަރު އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު މަޝްވަރާ ކުރަށްވައިފިއެވެ.

ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތަކަށް އެ ޒިންމާ މަތިކޮށްގެން ކުރިއަށް ގެންދަން ނިންމައިފި ނަމަ، ކައުންސިލުތަކުގެ ބަޖެޓު ކުރެވިފައި ނެތް ފައިސާއިން ކުއްލިއަކަށް ބޮޑު ޚަރަދެއް ކުރަން ޖެހުމުން ކައުންސިލުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ މި މަސައްކަތް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އޮތްކަމަށް ކަމަށް ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރުގެ ވިސްނުންފުޅަކީ ސަރުކާރުގެ ގުޅުން ހުރި އިތުރު ވުޒާރާތަކާއި، މުއައްސަސާތަކާއެކު އިތުރު ބައްދަލުވުންތަކެއް ބާއްވައި މި ކަމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް ދިރާސާކޮށް މަގުބައްތިތައް ރައްކާތެރި މިންގަނޑަށް ފެއްތުމުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމެވެ.

މަޝްވަރާ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހައި ރަށެއްގައި މި މަސައްކަތްކޮށް ނިންމުމަކީ ވަރަށް ބޮޑު ހޭދައެއް ހިނގާނެ މަސައްކަތެއް ކަމަށް ވާތީ، އެ ކުންފުނީގެ ވިސްނުން ހުރީ މި މަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުތަކުން ފޯރުކޮށް ދެއްވައިފި ނަމަ އެ މަސައްކަތް އެ ކުންފުނިން ކޮށްދެއްވާ ގޮތަށް ތިއްބެވި ކަމަށެވެ.

އަދި މި ކަމާ ގުޅިގެން މި ހަފުތާގެ ތެރޭގައި މާލީ ވުޒާރާއާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް މުޢާޒް ވުދާޅުވިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ހުރި މަގުބައްތިތައް އިސްލާހުކުރުމަށް، ފެނަކަ އިން ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ނިމި ދިޔަ ޖުލައިމަހުގެ 21 ވަނަ ދުވަހާ ހަމައަށް މުއްދަތުދީފައެވެ. އަދި އެއަށްފަހު ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް އީއެލްސީބީ ހަރުނުކުރާ ބަގުބައްތިތަކަށް ކަރަންޓު ދިނުން ހުއްޓާލަން ފެނަކައިން ވަނީ ނިންމާފައެވެ.

ރަށްރަށުގައި މަގުބައްތިތައް އެންމެ ރައްކާތެރި ނޫން ގޮތަށް ހަރުކޮށްފައި ހުރި މައްސަލަ ފެންމަތިވީ ރ. އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހުނު މައްސަލާގައެވެ. އެ ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

tel:+9607331319