logo

މިއަހަރުގެ ފުރަތަމަ 9 މަހު 76 ކުލަބު ޖަމިއްޔާ ރަޖިސްޓްރީކޮށްދީފި

profile

އާމިނަތު ޝަފާ - 14 ސެޕްޓެމްބަރު 2024 - 08:30

މުބާރާތެއްގެ ތެރެއިން

މުބާރާތެއްގެ ތެރެއިން

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު 76 ކުލަބު ޖަމިއްޔާ އެއް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީކޮށްދީފިއެވެ.

ރާއްޖޭގެ ކުޅިވަރު ކުލަބު ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ ކޮމިޝަނަރ އޮފް ސްޕޯޓްސްއެވެ. އަލަށް ކުލަބެއް ނުވަތަ ކުޅިވަރު އެސޯސިއޭޝަނެއް ރަޖިސްޓްރީކުރަން ޖެހޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މީސް ޕޯޓަލްގެ ތެރެއިންނެވެ.

މިހާތަނަށް މިއަހަރުގެ ނުވަ މަސްދުވަހު ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ 76 ކުލަބު ޖަމިއްޔާއެއް ރަޖިސްޓްރީކޮށްދީ 3 ކުޅިވަރު އެސޯސިއޭޝަނެއްވެސް ރަޖިސްޓްރީކޮށްދީފައެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ހިންގާ އެންމެ މުހިންމު އެއްކަމަކީ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިދާރީ ހިންގުމާއި، ގަވާއިދުތައް ހެދުމުގައި އެހީތެރިވުމެވެ. މިގޮތުން ދެ އެސޯސިއޭޝަނެއްގެ އަސާސީ ގަވާއިދު މިއަހަރު ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ ފާސްކޮށްދީފައެވެ.

މީގެ އިތުރުން ކުޅިވަރު ޖަމުއިއްޔާތަކުން ހުށަހަޅާ އަހަރީ ރިޕޯޓްގައި ހުރި މައްސަލަތައް ބަލާ ޖުމުލަ 59 ރިޕޯޓްގެ މައްސަލަ ޙައްލުކޮށް އެ ޖަމުޢިއްޔާތަކަށް ލިޔުން ވަނީ ޙަވާލުކުރެވިފައެވެ.

ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަހަރީ އާންމު ޖަލްސާތަކުގައި ބައިވެރިވެ އަދި ބޭނުންވާ ޤާނޫނީ ލަފާ 14 އެސޯސިއޭޝަންއަށްވެސް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ ފޯރުކޮށްދެއްވާފައެވެ.

ގައުމީ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތްތަކަށް ވީއްލުމުގެ ކަންކަންވެސް ހަމަޖައްސައިދެއްވަނީ ކޮމިޝަނަރގެ އޮފީހުންނެވެ. މިގޮތުން މިއަހަރުގެ އޮގަސްޓް މަހާ ހަމައަށް 887 ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވީއްލާފައެވެ.

tel:+9607331319