logo

ޑީޕޯޓްކުރި މައްސަލާގައި ބިދޭސީ އަކު ކޯޓަށް

profile

ޝުރުފާ މުހަންމަދު - 19 ސެޕްޓެމްބަރު 2024 - 17:15

ސިވިލް ކޯޓު---

ސިވިލް ކޯޓު---

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ކަމަށް ބުނެ މިދިޔަ މެއި މަހު އިމިގްރޭޝަނުން ޑީޕޯޓްކޮށްލި ބިދޭސީއެއް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އިމިގްރޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު އެންތެނީ ވަރެން ނަދިޝް ޕެރޭރާ ކިޔާ ލަންކާ ފިރިހެނެކެވެ.

އެންތަނީގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ އިމިގްރޭޝަނުން އޭނާ ޑީޕޯޓްކޮށްލި އިރު، ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައި ނުވާ ކަމަށާއި، ޑީޕޯޓްކޮށްލި އެކަށީގެންވާ ސަބަބެއް ވެސް ބަޔާންކޮށްފައި ނުވާ ކަމަށް ބުނެ އެވެ. މިދިޔަ މެއި މަހު އޭނާ ޑީޕޯޓް ކޮށްލި ފަހުން ވެސް ޓުއަރިސްޓް ވިސާއެއްގައި ރާއްޖެ އެތެރެވާން އޭނާ މަސައްކަތްކޮށްފައި ވެއެވެ. އެކެމަކު އޭރު ވެސް ވަނީ އޭނާ ހިފަހައްޓާ އަނބުރާ ފޮނުވާލާފަ އެވެ.

އެންތަނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަކީ އެ ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ، އިމިގްރޭޝަނުން ކޯޓުގައި އިއުތިރާޒްކޮށްފައިވެ އެވެ. އިމިގްރޭޝަނުން ނެގި ނުކުތާތަކަކީ، ދައުވާ ފޯމުގައި އެންތަނީގެ ނަން ޖަހާފައި އޮތީ ޕާސްޕޯޓުގައި އޮތް ފުރިހަމަ ނަމާ އެއްގޮތަށް ނޫން ކަމަށް ބުނެ އާއި، ދައުވާ ފޯމުގައި ސޮއިކޮށްފައިވަނީ، ލޯފާމުގެ ވަކީލުން ކަމަށް ވާތީ، އެއީ ސޮއިކުރުމުގެ ބާރު އޮތް ބަޔެއް ނޫން ކަމަށް ބުނެ އެވެ.

އެކަމަކު ސިވިލް ކޯޓުން ވަނީ މި މައްސަލަ ބަލަަން ނިންމާފަ އެވެ. އިމިގްރޭޝަނުން ހުށަހެޅި އިއުތިރާޒްތަކާއި ގުޅޭގޮތުން ސިވިލް ކޯޓުން ބުނީ ޕާސްޕޯޓުގައި އެމީހާގެ ފުރިހަމަ ނަމުގެ ފަހަތަށް އިތުރުވާ ނަމަކީ އާއިލީ ނަމެއްކަން އެނގޭ ކަމާއި، ޕާސްޕޯޓުގެ ނަމްބަރާއި ދައުވާ ފޯމުގައި އޮތް ނަމްބަރު ދިމާވާ ކަމަށެވެ. އެހެންކަމުން އެއީ އެކަކުކަން ހާމަވާ ކަމަށް ކޯޓން ބުނެފައިވެ އެވެ.

މީގެ އިތުރަށް ދައުވާ ފޯމުގައި ވަކީލުންގެ ނަމާއި ސޮއިގެ އިތުރުން ޕަވާ އޮފް އެޓާނީ ދީފައިވާ ލޯފާމުގެ ސިއްކަ އޮތުމުން، އެއީ ދައުވާ ފޯމުގައި ސޮއި ކުރުމުގެ ބާރު އޮތް ބަޔެއްކަން ހާމަވާ ކަމަށް ވެސް ކޯޓުން ނިންމާފައިވެ އެވެ.

އެހެންވެ އެ މައްސަލަ އަކީ އެ ކޯޓުގެ އިހްތިސާސްގައި ހިމެނޭ މައްސަލައެއްގެ ގޮތުގައި އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.


tel:+9607331319