logo

10 މަސް ތެރޭ 4000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި

profile

ޝުރުފާ މުހަންމަދު - 22 ސެޕްޓެމްބަރު 2024 - 21:58

އިއްޔެ ޑީޕޯޓްކޮށްލި ބިދޭސީން

އިއްޔެ ޑީޕޯޓްކޮށްލި ބިދޭސީން

މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިހާތަނަށް 4،000 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީއްސުރެއް، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށާފައިވާއިރު، މިދިޔަ 10 މަސް ދުވަހުގެ މައުލޫމާތުތައް އިމިގްރޭޝަނުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އިމިގްރޭޝަނުން ބުނީ މި އަހަރުގެ މިހާތަނަށް 4،045 މީހުން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޑީޕޯޓްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ 690 މީހުންނެވެ.

ސަރުކާރު ހަވާލުވެގެން ނިޮވެމްބަރު މަހު 90 ބިދޭސީން ޑީޕޯޓްކޮށްލާފައިވާއިރު، ޑިސެމްބަރު މަހު 202 ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ. އަދި ޖެނުއަރީ މަހު 237 ބިދޭސީންނާއި ފެބްރުއަރީ މަހު 309 ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

މާޗު މަހު 332 ބިދޭސީން، އޭޕްރިލް މަހު 240 އަދި މެއި މަހު 377 ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރަށް ޖުލައި މަހު 461 އޮގަސްޓު މަހު 453 އަދި ސެޕްޓެމްބަރު މަހު 663 މީހުން ޑީޕޯޓްކޮށްލާފައިވެ އެވެ.

ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ މި މައްސަލާގައި ޚާއްސަ ޓާސްކފޯހެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އެ ޓާސްކްފޯހުގެ މައިގަނޑު މަސައްކަތަކީ ބިދޭސީން މަސައްކަތްކުރާ ތަންތަނާއި ދިރިއުޅޭ ތަންތަން އިންސްޕެކްޓްކޮށް ގަވާއިދާ ޚިލާފަށް އުޅޭ މީހުން އަތުލަިއގަތުމެވެ.

މި އޮޕަރޭޝަންގެ އިތުރަށް، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ ތެރެއިން ގަވާއިދަށް ފެތި ރަޖިސްޓަރ ވާން ބޭނުންވާ ބޭފުޅުންނަށް ކުރަނގި އޮޕަރޭޝަންގެ ދަށުން އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

https://int.etukuri.mv/
tel:+9607331319