logo

މުއާޒު ބަދަލު ހޯދަން ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފި

profile

މުޙައްމަދު ހަފީޒް - 21 ނޮވެމްބަރު 2024 - 13:30

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ

މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ހައްޔަރުކުރި އަހްމަދު މުއާޒު ބަދަލު ހޯދަން ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރި މުއާޒު ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި މުއާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ކުރިއިރު އެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވެއެވެ.

މުއާޒު ހައްޔަރުކޮށްފައި ބެހެއްޓީ ހައްގުތައް ގެއްލޭ ގޮތަށް ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އެ ކަމުގެ ބަދަލު ހޯދަން މުއާޒު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީއެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނާއި އެ ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ އާއި މެންބަރު މިސްބާހު އައްބާސް އަދި މެންބަރު އަހުމަދު ނާޝިދުގެ މައްޗަށް ވެސް މުއާޒު ވަނީ ދައުވާކޮށްފައެވެ.

ދައުވާގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ އެއްވެސް އަސާސެއް އަދި އެއްވެސް ހެއްކެއް ނެތި ކޮމިޝަނުން ރަނގަޅު ނިޔަތެއް ނެތި ހިންގާފައިވާ ތަހުގީގެއްގެ ބޭނުމަށް ކަމަށާއި އެއްވެސް އަސާސެއް ނެތި އޭނާގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ އުފުލާފައިވާ ކަމަށެވެ.

އަދި ކޯޓުގައި އޭނާ އެދިފައިވަނީ ބަންދުގައި ހުރި މުއްދަތު ލިބުނު ގެއްލުމުގެ ގޮތުގައި 10 މިލިއަންއެއްހާ ރުފިޔާ ހޯދާއިދިނުމަށެވެ.

ދައުވާއާ ގުޅިގެން މި މައްސަލަ ސިވިލް ކޯޓަށް ބެލިދާނެ ކަމާ މެދު ޕީޖީ އޮފީހާއި ކޮމިޝަންގެ މެންބަރުން ސުވާލު އުފައްދައި އިހްތިސާސްއާ ގުޅޭ އިއުތިރާޒު ހުށަހަޅާފައިވެއެވެ.

މި މައްސަލައަކީ ޖުޑީޝަލް ރިވިއުގެ މައްސަލައެއް ކަމާއި ފުރަތަމަ މަރުހަލާއިން މައްސަލަ ބެލޭނީ ހައި ކޯޓަށް ކަމަށް ބުނެ، ކޮމިޝަންގެ ރައީސްކަން ކުރެއްވި ފަރީޝާ އިއުތިރާޒު ހުށަހަޅުއްވާފައިވެއެވެ. އަދި ސިވިލް ކޯޓުން ބުނީ މުއާޒުގެ މައްޗަށް ތަހުގީގު ހިންގުމާއި ދައުވާކުރި ކުރުމާ މެދު ކޯޓުން ބަސް ބުނަންވެއްޖެ ނަމަ، ކޯޓުން ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރި ތަހުގީގެއް އަދި ޝަރީއަތެއް ކުރެވިދާނެކަމާ މެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ޖާގަ އުފަންވާނެތީ، ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ތެރެއިން މިފަދަ މައްސަލައެއް ނުބެލޭނެ ކަމަށެވެ. އެހެންވެ ޖުޑީޝަލް ރިވިއުގެ ދައުވާއެއް ކަމަށް ހުށަހަޅާފައިވާ ކަންކަން ބަލައިނުގަނެވޭނެ ކަމަށްށެވެ.

ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކަމާ ގުޅިގެން މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އަދި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް އާ އެކު މުއާޒު ހައްޔަރުކުރީ 26 ޖޫން، 2022 ގައެވެ.


https://int.etukuri.mv/
tel:+9607331319