logo

ދޯންޏެއްގެ ބުރަފަތީގައި ޖެހި 15 އަހަރުގެ ކުއްޖަކު މަރުވެއްޖެ

profile

ޝާމާ ޝުޢައިބު - 08 ނޮވެމްބަރު 2024 - 19:00

އދ. ދިގުރަށް

އދ. ދިގުރަށް

އދ. ދިގުރަށް ކައިރިއަށް ސްނޯކްލިންއަށް ދިޔަ ކުޑަކުއްޖަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ހާދިސާގައި މަރުވެފައިވަނީ ދިގުރަށަށް ވޭލް ޝާކް ރިސަރޗެއް ހެދުމަށް ސްޓަޑީ ޓުއާއެއްގައި ގޮސް އުޅުނު ޓީމުގައި ހިމެނޭ ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ސްނޯކްލިން އަށް ގޮސް، ދޯނިން މޫދަށް ފުއްމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި، ޒަޚަމްވި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:55 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުންގެ މެސެޖުގައި ވެއެވެ.

ޒަޚަމް ވުމާއެކު އެރަށު ހެލްތު ސެންޓަރަށް ގެންދެވުނު ކަމަށާއި، ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ ކުއްޖާ މަރުވެފައިވާ ކަމަށް އެ ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319