logo

ވިފާގުގެ މަރު: ޒާތީ މައުލޫމާތާއެކު ޓީވީއަކުން ރިޕޯޓު ގެނެސްދިނީ ކަމުގެ ހަގީގަތް ނުބަލާ!

profile

ޝާމާ ޝުޢައިބު - 13 އޮކްޓޯބަރު 2024 - 20:29

ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު - ފޮޓޯ: ޕީއެސްއެމް ނިއުސް

ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު - ފޮޓޯ: ޕީއެސްއެމް ނިއުސް

މިދިޔަ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު މަރުވި ވިފާގު އިބްރާހިމް އަދުނާނުގެ މަރާއި ގުޅިގެން ރާއްޖޭގެ ޓީވީ ޗެނަލަކުން ބްރޯޑްކާސްޓުކުރި ރިޕޯޓަކީ ކަމުގެ ހަގީގަތް ނުބަލާ ގެނެސްދިން ރިޕޯޓެއް ކަމަށް ފުލުހުން ބުނެފިއެވެ.

އެ ރިޕޯޓުގައި ވަނީ ވިފާގުގެ އާއިލާގެ ބައެއް މެންބަރުންނަށް އެ މަރާ ގުޅިގެން ތުހުމަތުގެ އިނގިލި ދިއްކޮށް، އޭނާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ.

އާދީއްތަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކަމުގެ މައުލޫމާތު ހިއްސާކޮށް ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ވިފާގުގެ މަރާއި ގުޅޭގޮތުން ޓީވީ ޗެނަލަކުން ބްރޯޑްކާސްޓުކުރި ރިޕޯޓުގައި ފުލުހުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޝިފާއު ވިދާޅުވީ ފުލުހުން މި މައްސަލަ ތަހުޤީޤު ކުރަމުންދާ ގޮތާއިމެދު އާންމުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް އެ ރިޕޯޓުގައި މައުލޫމާތު ގެނެސްދީފައިވީ ނަމަވެސް އެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދަނީ އެއްވެސް ނުފޫޒެއްނެތި ކަމަށެވެ.

"އެންމެ ރިޕޯޓަކުން ވެސް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ ޖިންސީ ގޯނާގެ ނުވަތަ ޖިންސީ އަމަލެއް ހިންގައިގެން އެކަހަލަ އެއްވެސް ހިސްޓްރީއެއް ނުވަތަ އެކަހަލަ ކަމެއް ކުއްޖާގެ ފަރާތުން އެއްވެސް ގޮތަަކަށް ފާހަގަވެފައެއް ނުވޭ. އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ވަނީ ކަށަވަރުކުރެވިފަ" ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވިއެވެ.

އެ މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު ހިއްސާކުރައްވާ ޝިފާއު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ވިފާގުގެ އެއްވެސް ސިއްހީ ލިޔެކިޔުމަކުން ފާހަގަވެފަައި ނުވާ ކަމަށެވެ. އެ މަރާއި ގުޅިގެން ފުލުހުންނަށް ވެސް ތުހުމަތުތަކެއް ކުރި ނަމަވެސް، އެކަމުގައި ފުލުހުންގެ ބަސް ހޯދާފައި ނުވާކަން ޝިފާއު ފާހަގަކުރެއްވިއެވެ.

"ޕްރޮގްރާމާއި ގުޅިގެން ފުލުހުންގެ ކަންބޮޑުވުންތައް އެބަހުރި. އެއީ ކަމުގެ ހަޤީޤަތް ރަނގަޅަށް ނުބަލާ، ބްރޯޑްކާސްޓް ކޮށްފައިވާ ޕްރޮގްރާމެއް. އަޅުގަނޑުމެންވާނީ އެ ޕްރޮގްރާމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ބްރޯޑްކާސްޓިންގ ކޮމިޝަނާ މިހާރު ހިއްސާކޮށްފައި،" ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށެވެ. އަދި ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް އޭނާ ޑަޔަގްނޯސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން އިނގިރޭސިވިލާތުގައި ދިރިއުޅުނުއިރުވެސް އެކަމަށް ފަރުވާ ހޯދައި ތެރަޕީ ނަގާފައިވާ ކަމަށާއި، ރާއްޖެ އައުމަށްފަހު ހުޅުމާލެ ހޮސްޕިޓަލުން ވެސް ފަރުވާ ހޯދައި ތެރަޕީ ނަގާފައިވާ ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އޭނާގެ މަރުގައި ޖިނާއީ ކުށަކަށް ޝައްކު ކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ޝިފާއު ވިދާޅުވިއެވެ.

މިފަދަ ހާދިސާތަކާއި ގުޅިގެން ކަށަވަރުނުވާ މައުލޫމާތުތައް ހިމަނައިގެން އެއްވެސް މީޑިއާއަކުން ޕްރޮގްރާމްތައް ނުގެނެސްދިނުމަށް އިލްތިމާސްކޮށް ފުލުހުން ވަނީ މިފަދަ މައްސަލަތަކުގެ ޚަބަރުތައް ގެންނައިރު މީޑިއާތަކުން ސަމާލުވުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

https://wamco.com.mv/
tel:+9607331319