logo

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ 48 ތަނެއް ބަންދުކޮށްފި

profile

އައިޝަތު އިނާޝާ - 15 ނޮވެމްބަރު 2024 - 09:00

ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަދުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 48 ތަނެއް ބަންދުކޮށްފައިވާނެ ކަމަށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް، ނާހިދު ހުސެއިން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އައު ލީޑަރޝިޕްއާއެކީ އަހަރުގެ މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ހިއްސާ ކުރައްވަމުން ނާހިދު ވިދާޅުވީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިހާތަނަށް 48 ތަނެއް ބަންދުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ނާހިދު ވިދާޅުވީ މަސްތުވާތަކެތީގެ މުއާމަލާތްތައް މާލޭގައި އާންމުކޮށް ހިންގާ ތަންތަނުގައި ސްސެޓިކް ޑިއުޓީ ކުރަމުންދާ ކަމަށާއި މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި ފަރާތްތަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ނިޔަތުގައި ސަލާންޖަހާ ފަރާތްތަކާއި ތަކުރާރުކޮށް ޖިނާއީ ކުށް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ފަރުވާގެ ނިޒާމަށް ވެއްދުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ފަރުވާގެ ނިޒާމަށް ވެއްދުމަށް އެންޑީއޭއަށް 49 ފަރާތެއް ހަވާލުކޮށްފައިވާނެ ކަމަށް ނާހިދު ވިދާޅުވިއެވެ.

ބަނގުރަލުގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ކަމާ ގުޅިހުރި ފަރާތްތަކާއެކު މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަ ކުރަށްވަމުން ނާހިދު ވިދާޅުވީ އެގޮތުން ސަފާރީތަކަށް އަމާޒުކޮށްގެން ޓޫރިޒަމް މިނިސްޓްރީއާއި، މޯޑްލިވްސް ކަސްޓަމްއާއި ފުލުހުން ހިމެނޭ ގޮތަށް އިންސްޕެކްޝަންތައް ކުރިޔަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 57 ސަފާރީއެއް ބަލައި ފާސްކޮށްފައި ވާނެ ކަމަށް ނާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ހިއްސާކުރި ބައެއް ސްޓެޓިސްޓިކްސް:

އެކި މައްސަލަ ތަކުގައި ހައްޔަރު ކުރެވިފައިވާ މީހުންގެ އަދަދު- 1،009

ބަލައިފާސްކުރެވުނު މީހުންގެ އަދަދު - 12،561

އޮޕަރޭޝަންތަކުގެ އަދަދު - 158 - އަތޮޅުތެރޭގައި 12 އޮޕަރޭޝަން

މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރު ކުރެވުނު ބިދޭސީންގެ އަދަދު - 142

އަތުލެވިފައިވާ މަސްތުވާތަކެތީގެ ބަރުދަން - 143 ކިލޯ އަށް ވުރެ ގިނަ

އަތުލައިގަނެވިފައިވާ ބަނގުރަލުގެ އަދަދު - 8،451

އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު - 385 މިލިއަނަށްވުރެ ގިނަ

މިހާތަނަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދު - 683

ޕީޖީ ކުރެވުނު މައްސަލަތަކުގެ އަދަދު - 345

މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ކްރިމިނަލް ކޯޓާއި ހުޅުމާލެ ކޯޓު ހިމެނޭހެން 19 މައްސަލައެއްގައި 22 މީހުންގެ މައްޗަށް ކުށް ސާބިތުވެ، ހުކުމް ކޮށްފައިވާނެ ކަމަށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް، ނާހިދު ހުސެއިން ވަނީ ވިދާޅުވެފައެވެ.


https://int.etukuri.mv/
tel:+9607331319