logo

ހުޅުމާލެއިން އެޕާޓްމަންޓް ގަތުމުގައި ސަމާލުވުމަށް އެދިއްޖެ

profile

އާމިނަތު ޝަފާ - 18 ސެޕްޓެމްބަރު 2024 - 23:15

ހިޔާ ފްލެޓް

ހިޔާ ފްލެޓް

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ތަރައްގީކުރަމުންދާ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަންނަ މީހުން ފައިސާގެ މުއާމަލާތު ކުރުމުގައި ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޑީސީ ބުނީ އަމިއްލަ ފަރާތްތަކުން ތަރައްގީކުރަމުންއަންނަ މިޑް ރޭންޖް އަދި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމަންޓް ވިއްކުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ، މަޝްރޫއު ހިންގާ ފަރާތާއި އެޕާޓްމަންޓް ގަންނަ ފަރާތާ އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ.

ނަމަވެސް އެޕާޓްމަންޓް ގަތުމުގައި ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޕާޓްމަންޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ ނިންމައި އެޗްޑީސީން ހުއްދަ ދިނުމަށްފަހުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި ތަރައްގީ ކުރާ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ވިއްކަން ފެށުމުގެ ކުރިން ބުކިން ފީގެ ގޮތުގައި ގިނަވެގެން 50,000 ރުފިޔާގެ ރީފަންޑަބަލް ފީއެއް ކަސްޓަމަރުންގެ އަތުން ނެގުމުގެ ހުއްދަ ޑިވޮލޮޕައަށް ލިބިގެންވާކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

އަދި އަސޭރިޔާ ޕްރޮޖެކްޓުގެ އެޕާޓްމަންޓްތަކަށް 950,000 ރުފިޔާގެ ރީފަންޑަބަލް ބުކިން ފީއެއް ނެގުމުގެ ހުއްދަ ދިނުން ބައެއް މަޝްރޫއުތަކުގައި އިމާރާތުގެ 20 އިންސައްތަ ނުނިމުނު ނަމަވެސް އެޗްޑީސީއާއި ޑިވެލޮޕަރާ ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އެޕާޓްމަންޓް ގަނެވިދާނެކަމަށް އެޗްޑީސީން މައުލޫމާ ދެއެވެ.

އެހެންކަމުން ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަންނަ މީހުން ފައިސާގެ މުއާމަލާތު ކުރުމުގައި ސަމާލުވުމަށް އެޗްޑީސީންވަނީ އިލްތިމާސް ކޮށްފައެވެ.

tel:+9607331319