logo

އެފްޑީސީ ވެސް އެޗްޑީސީގެ ސަބްސިޑަރީ އަކަށް!

profile

ޝުރުފާ މުހަންމަދު - 01 ސެޕްޓެމްބަރު 2024 - 23:59

އެޗްޑީސީ

އެޗްޑީސީ

ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރަން، ސަރުކާރުން ނިންމައިފި އެވެ.

ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައިގަނޑު މެންޑޭޓަކީ އަރބަން ޑެވެލޮޕްމަންޓްގެ މަސައްކަތްތަކެވެ. އަދި އެފްޑީސީގެ މެންޑޭޓުގައި ހިމެނެނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މަސައްކަތްތަކެވެ. އެކަމަކު ބޮހިޔާވަހިކަމަކީ ވެސް ޑެވެލޮޕްމަންޓުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކަކަށް ވާއިރު، ގެންނަން ނިންމާފައިވާ ބަދަލާއި އެކު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެފްޑީސީން ހިންގާނީ އެޗްޑިސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގަ އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ އެފްޑީސީ އާއި އެޗްޑީސީ އަކީ ވަރަށް އެއް ގޮތް މަސައްކަތްތަކެއް ކުރާ ދެ ކުންފުނި ކަމަށެވެ. އެޗްޑީސީ އަކީ މިހާރު އަރބަން ޑެވެލޮޕްމަންޓް ކުންފުންޏެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެޗްޑީސީ އަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން ކިޔަސްވެސް، އެ ކުންފުނީގެ މެންޑޭޓްގެ ތެރޭގައި އޮންނަނީ ހަމަ އެކަނި ބޯހިޔާވަހިކަމުގެ މަސައްކަތް ނޫން ކަމަށެވެ.

މިހާރު އޮންނަ ގޮތުން، އެޗްޑީސީން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ދޫކުރަނީ އެވެ. އަދި އެފްޑީސީން ބިން ނަގަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. މިނިސްޓަރ ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެޗްޑީސީ އަށް މާ ބޮޑު، މާލީ ފައިދާއެއް ނުވާ ކަމަށެވެ. އެހެންވެ އެކަންތައް ބެލެހެއްޓުމުގެ މަސައްކަތް އެފްޑީސީ އާ ހަވާލުކުރަން ނިންމީ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މި ކުރިއަށްގެންދަނީ އެފްޑީސީން. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ހިޔާ ފްލެޓު ފަދަ އަސާސީ ބޯހިޔާވަހިކަމުގެ އެހެން ކަންތައްތައް ވެސް ކުރިއަށްގެންދިޔައީ އެޗްޑީސީ މެދުވެރިކޮށް އެކަމަކު އެ މަސައްކަތްތަކަކީ އުސޫލެއްގެ ގޮތުން އެޗްޑީސީ އަށް މާ ބޮޑު ފައިދާތަކެއްވާ މަސައްކަތްތަކެއް ނޫން.

މި ބަދަލުގެ އިތުރަށް މިނިސްޓަރ ވިދާޅުވީ އެޗްޑީސީ އަކީއާންމުންގެ ވެސް ހިއްސާ އޮންނަ ކުންފުންޏަކަށް ހަދަން. ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ގޮތަށް، ބަދަލުކުރުމުގެ މަޝްވަރާތައް ވެސް ފަށާފައިވާ ކަމަށެވެ. އެކަމަކު އެކަން ބަދަލުކުރާނެ ސީދާ ތާރީޚެއް ނޭނގޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

ސަރުކާރުގެ ޚަރަދުކުޑަ ކުރުމާއި، މެނޭޖްކުރުމަށް ކުންފުނިތައް ރިފޯމްކުރުމުގެ ތެރެއިން އެޗްޑީސީއާއި އެފްޑީސީ އެއްކޮށްލުމުގެ އިތުރަށް އެމްއޭސީއެލް އާއި، އާރްއޭސީއެލް އަދި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ވެސް އެއްކޮށްލަން ވަނީ ނިންމާފަ އެވެ. މީގެ އިތުރަށް އެގްރޯނެޓު ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ (މިޑްއެފްސީ)ގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.


tel:+9607331319