logo

ބިންވެރިޔާ ސްކީމްގެ ދަށުން އިތުރު 23 ގޯތި ހަވާލުކޮށްފި

profile

ޒިދާން މުޙައްމަދު - 02 ސެޕްޓެމްބަރު 2024 - 21:47

ބިންވެރިޔާ ސްކީމްގެ ދަށުން އިތުރު ގޯތިތަކެއް ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޭންހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން އިތުރު 23 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.

މި ގޮތުން، 29 އޮގަސްޓް ވީ ބުރާސްފަތި ދުވަހު 13 ގޯއްޗެއް ވެރިފަރާތްތަކާ ހަވާލުކުރި އިރު، 1 ސެޕްޓެމްބަރ ވީ އާދިއްތަ ދުވަހުގައި އިތުރު 10 ގޯތި ވަނީ ހަވާލުކޮށްފައެވެ. މިއާއެކު، މިހާތަނަށް ޖުމުލަ 648 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުކޮށް ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމުލަ 1408 ގޯތި ލިބޭ މީހުން އިޢުލާންކޮށްފައިވާއިރު، އަދިވެސް 761 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުނުކޮށެވެ.

އެ ވުޒާރާއިން ބުނާ ގޮތުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ސާފުކޮށް ހަވާލުކުރާ ހިސާބުން، ވެރިފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

މި ސްކީމްގެ ދަށުން ގުޅީފަޅާއި، ގިރާވަރުފަޅުން ލިބިފައިވާ ގޯތިތައް ހަވާލުކުރުމަށްޓަކައި ލޭންޑްޔޫސް ޕުލޭން ރިވިއުކޮށް ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މާލޭ ރައްޔިތުންނަށް ޙާއްޞަކޮށްގެން ހުޅުމާލެއިން ދޫކުރަން ހަމަޖެހިފައިވާ ބިންތައް ސާފުކުރުމުގެ މަސައްކަތް ފަށާއިވަނީ 26 ޖެނުއަރީ 2023 ގައެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ދޫކުރަނީ 4000 ފްލެޓާއި، 3000 ގޯއްޗެވެ. މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.

ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ހަވާލުކުރަމުންދަނީ ބިންވެރިޔާ ސްކީމު ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުންނެވެ. މި އުސޫލުގެ މަގުސަދަކީ، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ޓަކައި ހިންގާ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް ހިންގަނީ ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތީން، ވީހާވެސް ގިނަ ބަޔަކަށް ގޯތި ލިބުމުގެ ފުރުސަތު ފަހިވާގޮތަށްކަން ކަށަވަރު ކުރުމެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށައެޅި، 12،794 ފޯމު ވަނީ ޝަރުތުހަމަވެފަ އެވެ.

tel:+9607331319