logo

ވަގުތީ ގޮތުން ވެހިކަލް ބެހެއްޓުމަށް ހުޅުމާލޭގައި ހަމަޖެއްސި ބިން ހުޅުވާލައިފި

profile

އާމިނަތު ޝަފާ - 27 އޯގަސްޓު 2024 - 18:56

މިނިސްޓަރ އަމީނާއި ފަޒުލް ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި

މިނިސްޓަރ އަމީނާއި ފަޒުލް ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި

މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށް ހުޅުމާލޭގައި ހަމަޖެއްސި ބިން މިއަދު ހުޅުވާލައިފިއެވެ.

މި ބިމަކީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ހޯކްސް ޕެޓްރޯލް ޝެޑް އަދި އެމް.ޕީ.އެލް ފްލެޓް ކައިރީ އޮންނަ 42،132.05 (ސާޅީސް ދެ ހާސް އެއް ސަތޭކަ ބައްތިރީސް ޕޮއިންޓް ސުމެއް ފަހެއް) އަކަފޫޓުގެ ހުސް ބިމެކެވެ. މި ބިމުގައި އުޅަނދު ބަހައްޓާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަކުރުން ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް އެ އުޅަނދު ގެންދަންޖެހޭނެއެވެ.

މި ޕާކިންގ ޒޯންގެ މަގްސަދަކީ ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ރަޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށް ގެންގޮސް ގާނޫނުގެ ތެރެއަށް އުޅަނދު ވައްދަން ފުރުސަތު ދިނުމެވެ.

ހުޅުމާލެއިން ވަގުތީ ގޮތުން އުޅަނދު ޕާކުކުރުމަށް ހަމަޖެއްސި ބިމާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިން ހަވާލުވީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ވުޒާރާގެ ފަރާތުން ބިމާއި ހަވާލުވެވަޑައިގެންފައި ވަނީ ވަޒީރު މުހައްމަދު އަމީންއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ބިން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

މި ބިން ހުޅުވާލުމާއެކު، މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މި ބިމަށް ބަދަލުކުރެވުމުން މާލޭގެ މަގުތަކުގެ ތޮއްޖެހުން މިހާރަށްވުރެ ކުޑަވެގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

tel:+9607331319