logo

ތިލަފުށިން ބިން ދޫކުރަނީ ރަނގަޅަށް: އެޗްޑީސީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 18 އޯގަސްޓު 2024 - 22:53

ކ. ތިލަފުށި (ފޮޓޯ/އެޗްޑީސީ)

ކ. ތިލަފުށި (ފޮޓޯ/އެޗްޑީސީ)

ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ކުއްޔަށް ދޫކުރަމުންދަނީ އޮންނަ އުސޫލާ އެއްގޮތަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިގޮތަށް ބުނެ މިރޭ ބަޔާނެއް ނެރެފައިމިވަނީ ތިލަފުށިން ސިނާއީ ބޭނުންތަކަށް ބިން ދޫކުރަން ހުޅުވާލީ ސަރުކާރުން ބޭނުންވާ ބަޔަކަށް އަގުހެޔޮކޮށް ބިންތަކެއް ދިނުމަށްފަހު ކަމަށް ބުނެ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވާ ހަބަރަކާ ގުޅިގެން ނެވެ.

އެ ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ތިލަފުށިން ބިން ދޫކުރަން ހުސްވި ޖުލައި މަހު އެޗްޑީސީން ހުޅުވާލީ އޭގެ ކުރިން ގާތްގަނޑަކަށް 70 ވަރަކަށް ބިން، ސަރުކާރުގެ އިސް މީހުންނާ ގުޅުން އޮންނަ ފަރާތްތަކަށް އަގުހެޔޮ ރޭޓެއްގައި ދޫކުރުމަށްފަހު ކަމަށެވެ.

އެ ހަބަރުތައް ދޮގުކޮށް އެޗްޑީސީން ނެރުނު ބަޔާނުގައި ވަނީ އެ ކޯޕަރޭޝަނާއި ކަސްޓަމަރުންނާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެދު މައުލޫމާތު ގެނެސްދިނުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.

އެޗްޑީސީން ބުނިގޮތުގައި ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދޫކުރަމުންދަނީ އެ ކޯޕަރޭޝަނުން އަބަދުވެސް އަމަލުކުރަމުން އަންނަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އެ ކޯޕަރޭޝަނުން ބިން ދޫކުރަނީ އެ ޕްރޮސެސްގެ ތެރެއިން ހުރިހާ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެކަމަށް ޝައުގުވެރިކަން ފާޅުކުރާ ތަރުތީބުން ކަމަށް ވެސް ބަޔާނުގައި ވެއެވެ އަދި ބިން ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ އަގުތަކަކީ އެ ކުންފުނީގެ ބޯޑުން އެންޑޯޒްކޮށްފައިވާ އަގުތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.

tel:+9607331319