logo

ކޯފް ސިރަޕްގެ ސަބަބުން މަރުވި ކުދިންގެ އާއިލާތަކަށް ބަދަލުދޭން، އިންޑޮނޭޝިޔާގެ ކޯޓަކުން އަމުރުކޮށްފި

profile

ސައިފް އަޒުހަރު - 23 އޯގަސްޓު 2024 - 18:15

ކުޑަކުދިން ކެއްސާތީދޭ ދިޔާ ބޭހެއް:

ކުޑަކުދިން ކެއްސާތީދޭ ދިޔާ ބޭހެއް:

ކޯފް ސިރަޕް ބޮއިގެން ކިޑްނީ ހަލާކުވެ މަރުވި ކުޑަކުދިންނާއި، އަދި އެ ބޭސް ބޮއިގެން ކިޑްނީގައި މައްސަލަޖެހި ގެއްލުން ލިބުނު ކުދިންގެ އާއިލާތަކަށް ބަދަލުދޭން، އިންޑޮނޭޝިޔާގައި ބޭސް އުފައްދާ ދެ ކުންފުންޏެއްގެ މައްޗަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ.

ކޯޓުގެ އަމުރުގައިވަނީ، ބޭސް ބޮއިގެން ކިޑްނީ ހަލާކުވެ މަރުވި އަދި ކިޑްނީއަށް ގެއްލުން ލިބުނު ކޮންމެ ކުއްޖެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި އިންޑޮނޭޝިޔާގެ 60 މިލިއަން ރުޕިއާ ދިނުމަށެވެ. މިއީ، 3،850 އެމެރިކާ ޑޮލަރުގެ މިންވަރެވެ.

ކޯފް ސިރަޕް ބުއިމުގެ ސަބަބުން ކިޑްނީ ހަލާކުވެ އިންޑޮނޭޝިޔާއިން 200 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވާއިރު، ކިޑްނީ ހަލާކުވެ 120 ކުޑަކުދިން ނުކުޅެދޭ ކުދިންނަށް ވެފައި ވެއެވެ.

ތުއްތު ކުދިންނަށް ކިޑްނީގެ މައްސަލަތައް ދިމާވުމާ ގުޅުންހުރި ދެ މާއްދާއެއް، އިންޑޮނޭޝިޔާގައި ވިއްކާ ބައެއް ސިރަޕްތަކުން ފެނިފައިވާ ކަމަށް އިންޑޮނޭޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓަރ ބުޑީ ގުނަޑީ ސަޑަކިން ހާމަކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެދެ މާއްދާއަކީ ޑައިތިލީން ގްލައިކޮލް އަދި އެތިލީން ގްލައިކޮލް މާއްދާއެވެ.

އިންޑޮނޭޝިޔާގައި މައްސަލަ ޖެހުނީ އިންޑޮނޭޝިޔާގެ ކުންފުނިތަކުން އުފައްދާ ކޯފް ސިރަޕްގެއެވެ.

މިކަމާ ގުޅިގެން، މައްސަލަ ޖެހިފައިވާ ކޯފް ސިރަޕް އިންޑޮނޭޝިޔާގައި ބޭނުންކުރުން ސަރުކާރުން މަނާކުރިއެވެ. އަދި މައްސަލަ ތަހްގީގު ކުރަން ފެށިއެވެ.

ތަޣައްޔަރުވެފައިވާ ކޯފް ސިރަޕް ބޮއިގެން މަރުވި ވިއްސަކަށް ކުދިންގެ އާއިލާތަކުން އިންޑޮނޭޝިޔާ ސަރުކާރާއި އަދި އެ ބޭސް ފޯރުކޮށްދިން ކުންފުނިތަކާ ދެކޮޅަށް ދައުވާކުރީ 2022 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

އާއިލާތަކުން ދައުވާކުރީ، އިންޑޮނޭޝިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތާއި، ފޫޑް އެންޑް ޑްރަގް އޭޖެންސީއާއި، ކޯފް ސިރަޕް ވިއްކާ ހަތް ކުންފުންޏަކާ ދެކޮޅަށެވެ.

ސެންޓްރަލް ޖަކާޓާ ކޯޓުގެ ފަނޑިޔާރުން އިއްވި ހުކުމުގައި ބުނެފައިވަނީ، ވިހަ މާއްދާތައް ކޯފް ސިރަޕްގައި އެކުލެވުމުގައި، ބޭސް އުފައްދާ އަދި ސަޕްލައިކުރާ ދެ ކުންފުނި ކަމަށްވާ އަފީ-ފާރމާ އަދި ސީވީ ސަމުދެރަ ކެމިކަލްސްގެ އިހުމާލު އެބައޮތްކަން ކޯޓަށް ސާބިތުވެފައިވާ ކަމަށެވެ.

އަދި މިނިސްޓްރީ އޮފް ހެލްތާއި، ފޫޑް އެންޑް ޑްރަގް އޭޖެންސީގެ ޒިންމާއެއް އެކަމުގައި ނެތްކަމަށް ކޯޓުން ކަނޑައަޅާފައި ވެއެވެ.

ކޯޓުގެ ހުކުމުގައި، ބޭސް އުފެއްދި ކުންފުނިތަކަށް އަމުރުކޮށްފައިވަނީ މަރުވި ކޮންމެ ކުއްޖެގެ އާއިލާއަށް 50 މިލިއަން ރުޕިއާ އަދި ކިޑްނީ މައްސަލަޖެހި ދާއިމަށް ނުކުޅެދުންތެރި ވެފައިވާ ކުދިންގެ އާއިތަކުން އުފުލަމުންދާ ބުރަތަކަށް ކޮންމެ ކުއްޖެއްގެ އާއިލާއަށް 60 މިލިއަން ރުޕިއާ ދިނުމަށެވެ.

އާއިލާތަކުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ، މަރުވި ކޮންމެ ކުއްޖެއްގެ އާއިލާއަށް ބަދަލުގެގޮތުގައި 3.4 ބިލިއަން ރުޕިއާ އަދި ކިޑްނީ މައްސަލަޖެހި ނުކުޅެދުންތެރިވެފައިވާ ކޮންމެ ކުއްޖެއްގެ އާއިލާއަށް 2.2 ބިލިއަން ރުޕިއާ ނަގައިދިނުމަށެވެ.

https://wamco.com.mv/
tel:+9607331319