logo

އދގެ ފައުޖަށް އަނެއްކާވެސް ހަމަލާދީ ސްރީލަންކާ ސިފައިންގެ ބަޔަކު ޒަޚަމްކޮށްލައިފި

profile

ސައިފް އަޒުހަރު - 11 އޮކްޓޯބަރު 2024 - 16:39

ޒަޔަނިސްޓު އުދުވާނީ އިސްރާއީލުން ލުބުނާނުގައި ތިބޭ އދގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ފައުޖަށް އަނެއްކާވެސް ހަމަލާދީ އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން މި ފަހަރުވެސް ހަމަލާދިނީ، ލުބުނާނުގެ ދެކުނުގައި ގާއިމްކޮށްފައިވާ "ޔުނައިޓެޑް ނޭޝަންސް އިންޓަރިމް ފޯރސް އިން ލެބަނަން" ގެ ހެޑްކުއާޓަރަށެވެ.

ލުބުނާނުގެ ގައުމީ ނޫސް އޭޖެންސީން ބުނެފައިވަނީ، އިސްރާއީލު ސިފައިން ޓޭންކް ބޭނުންކޮށްގެން ހަމަލާ ދީފައިވަނީ، ލުބުނާނުގެ ދެކުނުގެ ތައީރުއާއި ނަޤޫރާއާ ގުޅިވައިދޭ މައި މަގުގައި ހުންނަ އދގެ ފައުޖުގެ އޮބްޒަރވޭޝަން ޓަވަރަކަށް ކަމަށެވެ. އެ ޓަވަރު ހުންނަނީ ލުބުނާނު ސިފައިންގެ ޗެކް ޕޯސްޓެއްގެ ކުރިމަތީގައި ކަމަށްވެސް ލުބުނާނު ސްޓޭޓް މީޑިއާއިން ބުނެފައި ވެއެވެ.

މި ހަމަލާގައި، އދގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ސްރީލަންކާ ސިފައިންގެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ބައެއް ރިޕޯޓުތައް ބުނަނީ ޒަޚަމްވީ ސްރީލަންކާ ސިފައިންގެ 2 މީހަކަށް ކަމަށެވެ.

ލުބުނާނު – އިސްރާއީލު ވަކިކުރާ އިމުގައި ލުބުނާނުގެ ތެރޭގައި ގާއިމްވެފައިވާ އދގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދުނިޔޭގެ 50 ގައުމަށް ނިސްބަތްވާ 10،400 ސިފައިން ތިބެއެވެ.

ސިފައިންގެ އެތައްބަޔަކު ޒަޚަމްވުމުގެ އިތުރުން، އޮބްޒަރވޭޝަން ޓަވަރާއި އަދި ފައުޖުގެ ހެޑްކުއާޓަރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް، އދގެ ފައުޖުން ހާމަކޮށްފައި ވެއެވެ. މިއީ، ގަސްތުގައި ދީފައިވާ ހަމަލާތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުގެ ޓެރަރިސްޓު ސިފައިން އިއްޔެވެސްވަނީ. އދގެ ފައުޖަށް ހަމަލާދީފައެވެ. އެ ހަމަލާގައި އިންޑޮނޭޝިޔާ ސިފައިންގެ 2 މީހަކު ޒަޚަމްވެ، އދގެ ފައުޖުގެ ހެޑްކުއާޓަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

އދއާއި ދުނިޔެއިން އެކަން ކުށްވެރި ކުރަމުން ގެންދަނިކޮށް އިސްރާއީލުން މިއަދުވެސްވަނީ އދގެ ސިފައިންނަށް ހަމަލާދީފައެވެ.

މިއަދުގެ ހަމަލާއާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި، އިސްރާއީލުގެ ހަމަލާ ކުށްވެރި ކުރައްވާފައި ވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން މުޅި ދުނިޔޭގެ ސަލާމަށްވެސް ނުރައްކާވަމުންދާ ކަމަށާއި، މި ދެކޮޅުވެރިކަން އިތުރަށް ކުރިއަށް ދިޔަދީގެން ނުވާނެ ކަމަށްވެސް ގުޓަރޭސް ވިދާޅުވިއެވެ.

އދގެ ފައުޖަށް އިސްރާއީލުން އިއްޔެދިން ހަމަލާގެ އިތުރުން މިއަދުގެ ހަމަލާތައްވެސް ދުނިޔޭގެ އެތައް ގައުމަކުން ކުށްވެރި ކުރަމުން އެބަގެންދެއެވެ.

އިޓަލީގެ ދިފާއީ ވަޒީރު ވިދާޅުވީ، މިއީ މިސްޓޭކެއް ނުވަތަ އެކްސިޑެންޓެއްވެސް ނޫން ކަމަށާއި، މިއީ އދގެ ގަރާރާއި، ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފް ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319