logo

އިސްރާއީލާ ދެކޮޅަށް އިސްލާމީ ހުރިހާ ގައުމުތައް އެއްބައިވަންތަވުމަށް އީރާނުގެ ރައީސް ގޮވާލައްވައިފި

profile

ސައިފް އަޒުހަރު - 16 އޮކްޓޯބަރު 2024 - 23:05

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން:

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން:

އިސްތިއުމާރީ އިސްރާއީލާ ދެކޮޅަށް އިސްލާމީ ހުރިހާ ގައުމުތައް އެއްބައިވަންތަވުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިލްތިމާސް ކުރައްވައި، އެކަމަށް ގޮވާލައްވައިފިއެވެ.

އީރާނުގެ ރައީސް މިކަމަށް ގޮވާލެއްވީ، އުމާންގެ ރަސްގެފާނު ސުލްޠާން ހައިތަމް ބިން ޠާރިގް އަލް ސަޢީދު، އީރާނުގެ ރައީސަށް ފޯނުން ގުޅުއްވުމުން ދެއްކެވި ވާހަކަފުޅުގައި ކަމަށް، އީރާނުގެ ރައީސްގެ ރަސްމީ ވެބްސައިޓުން ހާމަކޮށްފައި ވެއެވެ.

އީރާނުގެ ރައީސް ވިދާޅުވީ، އިސްލާމީ ހުރިހާ ގައުމުތައް އެއްބައިވަންތަވެ އެކަތިގަނޑަކަށް ވެއްޖެނަމަ ޒަޔަނިސްޓު ދައުލަތަށް، މުސްލިމުންނާ ދެކޮޅަށް އެހާ ފަސޭހައިން ޖަރީމާތައް ހިންގަން ނުކެރޭނޭ ކަމަށެވެ. ޒަޔަނިސްޓު ދައުލަތުން މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގަމުން ގެންދަނީ އެމެރިކާއާއި ހުޅަނގުގެ ތާއީދާ އެކުގައި ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންވަނީ، ޣައްޒާ އަދި ލުބުނާނުގައި އިސްތިއުމާރީ އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް އުމާނުން ގެންގުޅެމުންދާ ސިޔާސަތުތަކަށް ތައުރީފް ކުރައްވާފައެވެ.

ހަމަ އެއާއެކު، ޒަޔަނިސްޓު ދައުލަތުން ޣައްޒާއާއި ލުބުނާނުގައި ހިންގަމުންގެންދާ ގަތުލުއާންމުތަކާއި، ލާއިންސާނީ ޖަރީމާތަކާއި އުދުވާނުތައް ހުއްޓުވަން، އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކުން އިތުރަށް ޕްރެޝަރ ކުރަންޖެހޭ ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އުމާނަކީ ޒަމާނުއްސުރެ އީރާނާއި ހުޅަނގާ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ގައުމެކެވެ.

ފޯނު ކޯލުގައި އުމާންގެ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކަށް ހުޅަނގުގެ ގައުމުތަކުން ދޭ ތާއީދު ދެމިއޮތުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ޣައްޒާ އާއި ލުބުނާނުގައި އަނިޔާ ލިބެމުންދާ ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމަކީ އުމާނުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި، މިހާރުގެ ހާލަތާމެދު އުމާން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށްވެސް އުމާންގެ ރަސްގެފާނު، އީރާނުގެ ރައީސަށް ދެންނެވިއެވެ.

https://wamco.com.mv/
tel:+9607331319