logo

ހަޔާތްޕުޅުގެ ފަހުވަގުތުކޮޅުވެސް ޔަހްޔާ ސިންވާރު ދެއްކެވީ ހިތްވަރުގަދަކަން، އެއީ ޝަހީދެއް: ހަމާސް

profile

ސައިފް އަޒުހަރު - 18 އޮކްޓޯބަރު 2024 - 19:17

ޣައްޒާގައި ހުންނަ ހަމާސްގެ އެންމެ އިސް ލީޑަރު ޔަހްޔާ ސިންވާރަކީ ފިނޑި ބޭފުޅެއް ނޫން ކަމަށާއި، އޭނާ ޝަހީދުވެގެން ދިޔައީ، ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަ ކުރެއްވުމުގެ ތެރޭގައި ކަމަށް ހަމާސްއިން ބުނެފިއެވެ.

ޣައްޒާގައި ހަމާސް ތަމްސީލު ކުރައްވާ މިހާރުގެ އިސް ލީޑަރު ޚަލީލް ޙައްޔާ، ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން، އިސްތިއުމާރީ ސިފައިންގެ ހަމަލާގައި ޔަހްޔާ ސިންވާރު އަވަހާރަ ކޮށްލާފައިވާކަން ފުރަތަމަ ފަހަރަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޔަހްޔާ ސިންވާރު ސިފަކޮށް ދެއްވަމުން ޚަލީލް ހައްޔާ ވިދާޅުވީ، ޔަހްޔާ ސިންވާރަކީ ފަލަސްތީނުގެ ހައްގުގައި ސާބިތުވެ ހުންނެވި، ކެރޭ، ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.

އޭނާ ޝަހީދުވެގެން ދިޔައީ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އަދި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވުމުގައި މުޅި އުމުރު ހޭދަކުރެއްވުމަށް ފަހުގައި ކަމަށް ޙައްޔާ ވިދާޅުވިއެވެ.

ހަޔާތްޕުޅުގެ އެންމެ ފަހު ވަގުތުކޮޅުވެސް ޔަހްޔާ ސިންވާރު ދެއްކެވީ ހިތްވަރުގަދަކަމާއި ސާބިތުކަން ކަމަށާއި، އެންމެފަހު ނޭވާއާ ހަމައަށް ގެންދެވީ ދުޝްމަނުންނަށް ބަޑީގެ ހަމަލާ ދެއްވަމުން ކަމަށްވެސް، ޚަލީލް ޙައްޔާ ވިދާޅުވިއެވެ.

ޔަހްޔާ ސިންވާރު އަވަހާރަކޮށްލުމަކީ އިސްރާއީލު އަބަދުވެސް ވަރަށް ބޭނުންވި ކަމެކެވެ. މީގެކުރިންވެސް ޔަހްޔާ ސިންވާރާއި އޭނާގެ އާއިލާއަށް އަމާޒުކޮށް އުދުވާނީ ހަމަލާތައް ދީފައި ވެއެވެ. އެގޮތުން ދިން ހަމަލާތަކުގައި ސިންވާރުގެ އާއިލާގެ އެތައް ބޭފުޅުން އަވަހާރަ ކޮށްލާފައި ވެއެވެ.

ޚަލީލް ޙައްޔާ ވިދާޅުވީ، ޔަހްޔާ ސިންވާރު ޝަހީދުކޮށްލުމުން، ހަމާސްގެ ރޫހު އިތުރުވެ، އިސްތިއުމާރީ ބާރާ ދެކޮޅަށް ހިންގާ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ގުދުސް، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ގޮތުގައި ކަނޑައެޅި، ފަލަސްތީނުގެ ހުރިހާ ބިންތައް ހިމެނޭގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމް ކުރެވެންދެން ހަމާސްގެ ޖިހާދަށް ހުއްޓުމެއް ނުގެންނާނެ ކަމަށްވެސް، ޚަލީލް ޙައްޔާ ވައުދުވެވަޑައި ގެންނެވިއެވެ.

އިސްތިއުމާރީ ބާރަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ޣައްޒާގައި ހިންގާ އުދުވާނު ހުއްޓައި، އިސްތިއުމާރީ ސިފައިން ޣައްޒާއިން އެއްކޮށް ފައިބައި، އަދި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުން މިނިވަން ނުކުރަނިސް، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ އެންމެ ރަހީނަކުވެސް މިނިވަން ނުކުރާނޭ ކަމަށެވެ.

https://wamco.com.mv/
tel:+9607331319