logo

ފާރު ތަޅާލުމުން ސިޓީ ކައުންސިލާ ދެކޮޅަށް ވަގުތީ އަމުރެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 18 އޯގަސްޓު 2024 - 20:52

ހުދުފިނިފެންމާގޭގެ ދޮރުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ (ފޮޓޯ/ ވަގުތު)

ހުދުފިނިފެންމާގޭގެ ދޮރުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ (ފޮޓޯ/ ވަގުތު)

ފާރެއް ރޭނުމުގެ ސަބަބުން ހ. ހުދުފިނިފެންމާގޭގެ މީހުން ބަންދުވުމުން، އެ މީހުން ނެރުމަށްޓަކައި އެގެއިން ތަޅާލި ފާރު އަލުން ރޭނުމަށް އަންގައި، މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ހުދުފިނިފެންމާގޭގެ ދޮރުމަތީގައި އެގޭގެ މީހުންނަށް ވަަދެ ނުކުމެ ނޫޅެވޭ ގޮތަށް ފާރެއް ރޭނީ، އެގޭގެ މީހުން ނިދާފައި ތިއްބައެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހަަކުވެސް ހިމެނޭ އެ އާއިލާ 24 ގަޑިއިރަަށް ވުރެ ގިނައިރުވަންދެން އެގޭގައި ބަންދުވެފައި ތިއްބެވެ.

ހުސްވި މަހު ފެންމަތިވި މި މައްސަލަ ކައުންސިލުން ހައްލުކުރީ އެގެއިން ގޯޅި ކަނޑަން ޖެހޭ ދިމާލުން ފާރު ތަޅާލައިގެން ނެވެ. ކައުންސިލުން އެ ފާރު ތަޅާލީ އެގޭގެ ވެރިފަރާތް ހަސަން ޝާކިރު މުހައްމަދުގެ ބައިންނެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ އެ މައްސަލަ ދިމާވީ، އެ ކައުންސިލުން މީގެކުރިން އެ ގޯތި ރެޖިސްޓްރީކޮށްދީފައި އޮތް ގޮތުން ކަމަށެވެ.

ޝާކިރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެ ފާރު ކައުންސިލުން ތަޅާލީ ގާނޫނާ ހިލާފަށް ކަމާއި އެކަމުހގެސަބަބުން އޭނާ އަށް ލިބެމުންދާ ގެއްލުންތަކުގެ ބަދަލު ހޯދުމަށެވެ.

މި މައްސަލައިގަ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ސިޓީ ކައުންސިލަށް އަންގާފައިވަނީ ފާރު ތަޅާލުމުގެ ކުރިން އެ ގެއަށް ވަދެ ނުކުމެ އުޅުނު ގޮތަށް، ހުދުފިނިފެންމާގެ އާއި އިންވެެގެން ދެކުނަށް އޮތް ގޯޅި މަގުން ނުކުމެވޭނެ ގޮތް މިއަދުގެ 14:35 އިން ފެށިގެން 48 ގަޑިއިރު ތެރޭގައި ހަމަޖައްސައިދިނުމަށެވެ.

އަދި އެގެއަށް ކައުންސިލްގެ މުވައްޒަފުން ވަނުމުގެ ކުރިން އެތަން އޮތް ހާލަތަށް ގެނެސް، ޝާކިރާއި އެ އިމާރާތް ހަވާލުކުރުމަށް ވެސް ކޯޓުން ވަނީ ސިޓީ ކައުންސިލަށް 48 ގަޑިއިރު ދީފަ އެވެ.

ކޯޓުން ވަނީ އެ ގޭގެ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށްވެސް ކައުންސިލްގެ މައްޗަށް އަމުރު ކޮށްފައެވެ.

tel:+9607331319