ރަސްފަންނުގައި ހުއްދަ ނުނަގައި އިމާރާތެއް ހަދަމުންދާ ކަމަށް ބުނާ ވާހަކަތައް އެމްޓީސީސީން ދޮގުކޮށްފިއެވެ.
ހުއްދަ ނުނަގައި ރަސްފަންނުގައި ޓޭކްއަވޭ ތަނެއް ހަދަމުންދާ ކަމަށް އިއްޔެ މީޑިއާތަކުގައި އަޑު ފެތުރުނުއިރު އަސްލު ޓީވީއަށް މައުލޫމާތު ދެމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނީ ގަވާއިދަށް ކަމަށާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރާނަމަ އެކަން ސިޓީ ކައުންސިލުން ހުއްޓުވާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ރަސްފަންނުގައި ހުންނަ ހަޓުތަކާއި ޓޭކްއަވޭ ތަންތަން ބަލަހައްޓަނީ އެމްޓީސީސީން ކަމަށާއި އެގޮތުން ޓޭކްއަވޭ ތަންތަން އެ ކުންފުނިން ބަލަހައްޓަނީ އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށެވެ.
މިކަމާ ގުޅިގެން އެމްޓީސީން އަސްލު ޓީވީއަށް ބުނީ ރަސްފަންނުގައި ހުއްދަ ނުނަގައި އިމާރާތެއް ހަދަމުންދާކަމަށް ބުނެ ފެތުރޭ ވާހަކަތަކާއި އެމްޓީސީއާ އެއްވެސް ގުޅުމެއް ނެތްކަމަށާއި އަދި އެމްޓީސީސީން ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
އެމްޓީސީސީން ބުނީ، އެ ކުންފުނިން ކަންކަން ކުރަނީ ގަވާއިދާއި ގާނޫނުގެ ތެރެއިން ކަމަށެވެ.
މި ފުރުސަތުގައި އެމްޓީސީސީން ވަނީ ހަގީގަތާ ހިލާފަށް މައުލޫމާތާއި ހަބަރު ނުފެތުރުމަށްވެސް އެދިފައެވެ.