logo

އެސްޓީއޯއަށް 1.5 މިލިއަން ދައްކަން އެފްއޭއެމް އަށް އަންގައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 02 ސެޕްޓެމްބަރު 2024 - 19:12

އެފްއޭއެމް ހިންގާ އިމާރާތް

އެފްއޭއެމް ހިންގާ އިމާރާތް

ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ސްޕޮންސާޝިޕް ފީއެއްގެ ގޮތުގައި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން 1.5 މިލިއަން ރުފިޔާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އަނބުރާ ރައްދު ކޮށްދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެސްޓީއޯއިން އެފްއޭއެމްގެ މައްޗަށް ދައުވާކުރީ، އެ ދެ ކުންފުނީގެ ދެމެދު "އެސްޓީއޯ ސައުތު ލީގު" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް 18 އޮކްޓޯބަރު 2022 ގައި ސޮއިކުރެވުނު އެއްބަސްވުމާ ހިލާފަށް އެފްއޭއެމްއިން އަމަލުކޮށްފައިވާތީ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ސްޕޮންސާޝިޕް ފީގެ ގޮތުގައި އެފްއޭއެމަށް 1.5 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމް އިން އެ މުބާރާތް ބާއްވާފައެއް ނުވެއެވެ.

އޭގެ ފަހުން އެ މުބާރާތް ބާއްވާނެ ތާރީހެއް އޮޅުންފިލުވުމަށް އެސްޓީއޯއިން ސިޓީ ފޮނުވި ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މުބާރާތް ބާއްވާފައެއް ނުވެ އެވެ. އެހެންވެ އެ އެއްބަސްވުން ބާތިލުކޮށް، އެ ފައިސާ އަނބުރާ ހޯދުމަށް އެސްޓީއޯ އިން އެފްއޭއެމްއަށް ނޯޓިސް ވެސް ފޮނުވި އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ބުނެފައިވަނީ ދެ ފަރާތުން އެއްބަސްވި ގޮތަށް މުބާރާތް ބާއްވާފައިނުވާތީ ސްޕޮންސާޝިޕް ފީގެ ގޮތުގައި ދިން ފައިސާ އަކީ އެފްއޭއެމުން އަނބުރާ އެސްޓީއޯއަށް ރައްދުކޮށްދޭން ޖެހޭ އެއްޗެއް ކަމަށެވެ.

އެހެންވެ އެ ކޯޓުން ވަނީ މި މަހުގެ 15 ގެ 12:00 ގެ ކުރިން އެ ފައިސާ އަނބުރާ އެސްޓީއޯއަށް ރައްދު ކޮށްދިނުމަށް އެފްއޭއެމްގެ މައްޗަށް އަމުރުކޮށްފަ އެވެ.

tel:+9607331319