
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
ހަރަދު ކުޑަ ކުރަން ނެރުނު ސާކިއުލާއަކީ ކުރިން ވެސް ނެރޭ އެއްޗެއް: މިއުވާން

ޔޫޝައު ހަސަން - 02 ފެބްރުއަރީ 2023 - 15:27
ހަރަދުކުޑަކުރަން ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއަކީ ކުރިން ވެސް ނެރޭ ސާކިއުލާއެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއުވާން މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ނޫސްވެރިއަކު އަމާޒުކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެފައިވާ ކަމަށާއި އަދި މި ދަނޑިވަޅު ވަރަށް ބައިވަރު ޕްރޮޖެކްޓްތަކެއް އެވޯޑްކޮށްފައިވާ އިރު އެކަމާ އެއްވެސް ގުޅުމެއްވޭތޯ ނޫސްވެރިޔާ ސުވާލު ކުރިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިއުވާން ވިދާޅުވީ ފިނޭންސްއިން ސާކިއުލާއެއް ނެރުނީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް އެ ބަޖެޓު ތަންފީޒުކުރުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މި ފަހަރު ނެރުނު ސާކިއުލާއަކީ މާ ތަފާތު ސާކިއުލާއެއް ނޫން ކަމަށެވެ.
"އާންމު ގޮތެއްގައި ވެސް ފެންނަ ސާކިއުލާއެއް މިއީ އެގޮތަށް ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅިގެން އެބަދޭ. އިނގިވަޑައިގަންނަވާނެ ދުނިޔޭގެ އިގްތިސާދު މުޅިއަކުން ހަމައަކަށް އަދި ނޭޅޭ. އަޅުގަނޑުމެންގެ އިގްތިސޯދު ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ވުރެ ކުރިއަރައިގެންދާ މިންވަރާ އަދި މެނޭޖުކުރެވޭ މިންވަރު ރަނގަޅުވި ކަމުގައި ވި ނަމަވެސް އަޅުގަނޑުމެން ޕްރިކޯޝަންސްތަކެއް އެބަ ނަގަން ޖެހޭ" މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިގްތިސާދަށް ވާނެ ގޮތެއް ނޭނގޭ ކަމަށާއި އެހެން ކަމުން އިގްތިސާދު މެނޭޖުކުރަން ރަނގަޅު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި އިގްތިސާދު މިހާތަނަށް މެނޭޖުކުރެވުނީ ވެސް އެގޮތަށް ފިޔަަވަޅުތައް އަޅައިގެން ކަމަށް ވިދާޅުވިއެވެ.
އޭގެ މާނައަކީ އެއްވެސް ޕްރޮޖެކްޓެއް ނުނަގައި އެއްވެސް މުވައްޒަފެއް ނުނަގާނެ ވާހަކައެއް ނޫން ކަމަށް މިއުވާން ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓްރީގެ ލަފަޔާ އެއްކޮށް ކަންކަން މެނޭޖުކުރެވޭ ގޮތަށް މި ހަމަޖެހިގެން މި ދިޔައީ. އެހެން ނަމަވެސް މިއާ އެއްކޮށް އަޅުގަނޑު ފާހަގަކޮށްލަން ހަމަ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނުގެ ދަށުން ހިންގުމުގެ ގޮތުން ކައުންސިލްތަކަށް މި ލިބޭ ބާރުތައް ވެސް ދޫކޮށްފަ އެ ބޭފުޅުންނަށް ވެސް ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅުއްވާ. އެހެން ނަމަވެސް މި ސާކިއުލާ ކައުންސިލްތަކަކަށް އެޕްލައިވާ ގޮތަކަށެއް ނޫން ނެރުއްވާފައި މި އޮތީ" މިއުވާން ވިދާޅުވިއެވެ.
އެހެން ނަމަވެސް ކައުންސިލްތަކުން ވެސް އެ ކައުންސިލްތަކަށް ލިބޭ އާމްދަނީން ކަންކަން މެނޭޖުކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފިނޭންސްއިން ނެރުނު ސާކިއުލާގައި ވަނީ އެ މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނުނެގުމަށާއި އަދި ހަރަދުތައް ކުޑަ ކުރުމަށެވެ.
ސާކިއުލާއެއް ނެރުނު އިރު ސަރުކާރުގެ މުވައްޒަފުންނަށް މިދިޔަ މަހު ދޭން ޖެހޭ މުސާރަތައް ދިނުމުގައި ވަނީ ލަސްވެފަ އެވެ. ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން