
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން, ފޮޓޯ: އަސްލުޓީވީ
ޤައުމު އިތުރަށް ކުރިއަށް ގެންދިއުމުގެ ޤާބިލުކަމެއް، ޙިކުމަތެއް، މުޢިއްޒުގެ ކިބަޔަކު ނެތް: ޢަލީ ޙުސައިން

އާމިނަތު ޝަޒްލާ - 13 ނޮވެމްބަރު 2026 - 17:33
މި ޤައުމު އިތުރަށް ކުރިއަށް ގެންދިއުމުގެ އެއްވެސް ޤާބިލުކަމެއް، ޙިކުމަތެއް އަދި ވިސްނުމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢާ ދެކޮޅަށް މާލޭގެ އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
އެއްވުމުގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަދައްކަވަމުން ޢަލީ ޙުސައިން ވިދާޅުވީ، ރައްޔިތުން މަގުމައްޗަށް ނުކުމެ "ނޫނެކޭ" މި ބުނަނީ ދިވެހި ބިމުގައި ޒަޔަނިސްޓުންނާއި ޣައިރު ދީންތަކުގެ މީހުން އާބާދުކުރުމަށް ކަމަށެވެ. އަދި މިއީ އިނގިރޭސި ބަހުން ބުނާ ނަމަ "އެގްޒިސްޓެންޝަލް ތްރެޓެއް" ނުވަތަ ދިވެހިރާއްޖެ އޭގެ ގޮތުގައި ދެމިއޮތުމާ ގުޅިފައިވާ ވަރަށް ނާޒުކު މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެންމެ މުހިންމު އިންފްރާސްޓްރަކްޗަރ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި މުވާޞަލާތީ ވިއުގަތައް ހުރީ ރަސްމާލެއާ ދާދި ކައިރީގައިކަން ފާހަގަކުރައްވައި ޢަލީ ޙުސައިން ވިދާޅުވީ، އެ ސަރަޙައްދުގައި ޒަޔަނިސްޓުން އާބާދުވެ ފައިތިލަ ސާބިތުކޮށްފިނަމަ، ޤައުމީ ސަލާމަތަށް ނުރައްކާވެ ދިވެހި ސިފައިންނާ އެމީހުންނާ ދެމެދު ކުރިމަތިލުންތަކަކަށް ދިއުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި އެއީ ދިވެހިރާއްޖެ، ރާއްޖޭގެ ގޮތުގައި އޮތުމަށް އެޅޭނެ އެންމެ ބޮޑު ހުރަސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ10 ވަނަ މާއްދާއާ މެދު ސުވާލު އުފައްދަވަމުން، ފުލުހުންނާއި ސިފައިންގެ އިސް ވެރިންނާ އެ ސުވާލު ކުރުމަށް އޭނާ ގޮވާލެއްވިއެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށްފައިވާ އެ މާއްދާ އުވާލަނީތޯ ނުވަތަ އެއީ ހަމައެކަނި ރަމްޒީ މާއްދާއަކަށް ހަދަނީތޯ އޭނާ އެއްސެވިއެވެ.
ރާއްޖޭގެ ކޮންމެ ތަނެއްގައި ވިޔަސް އިސްލާމްދީނަށް ނިސްބަތްނުވާ ޣައިރު ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުން ގެނެސް އާބާދުކޮށް، ރައްވެހިކަން ދިނުމުން އެމީހުން ވާނީ ދައުލަތުގެ ބަޔަކަށް ކަމަށާއި، އޭރުން އެމީހުން އަޅުކަންކުރާނެ ޗާޗުތަކާއި ސިނަގޮގުތައް އެޅުމަށާއި ދީނީ މިނިވަންކަމަށް ވަކާލާތު ކުރާނެ ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ދީނީ މިނިވަންކަމާ ގުޅޭ މާއްދާތަކަށް ރާއްޖެއިން ރިޒަވޭޝަން ހަދާފައިވަނީ މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާތީ ކަމަށާއި، ނަމަވެސް އެފަދަ ބަޔަކު މިތަނުގައި ވަޒަންވެރިވުމުން އެ ޙައްޤުތައް ދޭން މަޖުބޫރުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ މާލީ އިދާރާތަކާއި އެމެރިކާ ފަދަ ބޮޑެތި ބާރުތައް ވެސް އޮތީ ޒަޔަނިސްޓުންގެ ނުފޫޒުގެ ދަށުގައި ކަމަށް ވިދާޅުވެ، ޢަލީ ޙުސައިން އިތުރަށް ވިދާޅުވީ ރާއްޖެ ފަދަ އަސްކަރީ އަދި މާލީ ގޮތުން ކުޑަ ޤައުމަކަށް އެފަދަ ބާރުތަކާ ދެކޮޅަށް ކުރިމަތިނުލެވޭނެ ކަމަށެވެ. އަދި މިފަދަ ނުރައްކާތައް ވަޒަންކުރެއްވުމުގެ އެއްވެސް ޤާބިލުކަމެއް ރައީސް މުޢިއްޒުގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެ، އޭނާ ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރުގްޔާކޮށްގެން ވިޔަސް ރައީސް މުއިއްޒު ހަމައަކަށް އަޅުއްވައިދެއްވާ: ރައީސް ޔާމީން
6 ގަޑިއިރު ކުރިން

މުޢިއްޒު މަޙުމޫދު ޢައްބާސަށް ހަދައި، ޤައުމު އަލްއައްބާރު ކައިރީ ކުޑަކަކޫ ޖައްސަން ފުރުޞަތެއް ނުދޭނަން: އިމްރާން
7 ގަޑިއިރު ކުރިން

ދިވެހި ރައްޔިތުންނަށް ފިޔަވަޅު އަޅައިގެން ކުރެވޭނެ ވެރިކަމެއް ނޯންނާނެ: މައުރޫފް
7 ގަޑިއިރު ކުރިން

އަލުން ވެރިކަން ލިބިއްޖެނަމަ ރަސްމާލެއިން ދޫކުރި ބިން އަނބުރާ އަތުލާނަން: ރައީސް ޔާމީން
8 ގަޑިއިރު ކުރިން


