logo
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭ އަރޓްފިޝަލް ބީޗްގައި މިހާރު ކުރިޔަށްދާ ބޮޑު އެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތު، "އަސްލު ޓީވީ"ގެ ނޫސްވެރިޔާ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަނީ، ފޮޓޯ: ސްކްރީން ޝޮޓެއް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭ އަރޓްފިޝަލް ބީޗްގައި މިހާރު ކުރިޔަށްދާ ބޮޑު އެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތު، "އަސްލު ޓީވީ"ގެ ނޫސްވެރިޔާ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަނީ، ފޮޓޯ: ސްކްރީން ޝޮޓެއް

އަލުން ވެރިކަން ލިބިއްޖެނަމަ ރަސްމާލެއިން ދޫކުރި ބިން އަނބުރާ އަތުލާނަން: ރައީސް ޔާމީން

profile

އާމިނަތު ޝަޒްލާ - 13 ނޮވެމްބަރު 2026 - 16:36

ރައްޔިތުންގެ އިތުބާރާއެކު ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު އަލުން ލިބިވަޑައިގެންފިނަމަ، ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ދީފައިވާ ބިންތައް ޝައްކެއްނެތް މިންވަރަށް އަނބުރާ ދައުލަތަށް ނަންގަވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ޔާމީން މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭ އަރޓްފިޝަލް ބީޗްގައި މިހާރު ކުރިޔަށްދާ ބޮޑު އެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތު، "އަސްލު ޓީވީ"ގެ ނޫސްވެރިޔާ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ސަރަހައްދަށް ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގައުމީ ދިދަ ހިފައިގެން ނުކުމެ ތިބިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު ދުބާއީގެ ޕްރޮމޯޓަރުންނަށް މި ބިން ދޫކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ދަންނަވާލަން އޮތީ އިރާދުކުރެއްވިއްޔާ ރައްޔިތުންގެ އިތުބާރާ އެކީ އަޅުގަނޑަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރުމުގެ ފުރުސަތު ލިބިއްޖިއްޔާ، ހަމަ ޝައްކެއްވެސް ނެތް މީ އަތުލާނަން. މި ބިން ހަމަ މިމީހުން އަތުން ލިބޭނެ. އެއީ ގާނޫނާ ޚިލާފަށް ދޭ ބިމެއްމީ. އެހެންވީމަ ދުނިޔޭގެ ކޯޓަކަށް ދިޔަސް، އާބިޓްރޭޝަނަށް ދިޔަސް މި ބިން ބާތިލުވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުބާއީގެ އިންވެސްޓަރުންނަކީ ބޮޑު ޚަރަދެއް ކޮށްގެން ފައިދާ ހޯދަން އަންނަ ބަޔަކަށް ވާއިރު، އެމީހުން އިންވެސްޓްކުރާ ފައިސާއަށް ގެއްލުންވާނެ ފަދަ ގޮތަކަށް އަމަލެއް ނުކުރާނެއެވެ. އަދި މި މައްސަލައިގައި ދިވެހި ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާއި ނަފްރަތު ނުވަތަ "ޓެމްޕަރޭޗަރ" މިހާރު އެ އިންވެސްޓަރުންނަށް ސާފުވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ ހާލަތު އޮތްގޮތް ބޮޑުކޮށް ބަލާލުމަށްފަހު ނޫނީ އަވަސް އަރުވާލައިގެން އެމީހުން މި މަޝްރޫއު ފަށައިގަންނާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އެ ބިމަށް ގާނޫނީ ބާރެއް ލިބޭތޯ އިންވެސްޓަރުންވެސް ވިސްނާނެ ކަމަށާއި، މިކަމާ ގުޅޭ ގާނޫނެއް އަދި ހެދިފައި ނެތް ކަމަށް ބަންޑާރަނައިބުވެސް ވިދާޅުވެފައިވާތީ، ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ބެލެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅިފައިވާއިރު، ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންގެ މެދުގައިވެސް މިކަމުގައި މުޅިއަކުން އެއްބަސްވުމެއް ނެތްކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، ރައީސް ބޭނުންފުޅުވާ ގޮތަށް މަޖިލީހުން މިއަށް ގޮތެއް ނިންމައިދިން ނަމަވެސް އިންވެސްޓަރުން ފަސްޖެހޭނެ ކަމަށެވެ. ސަބަބަކީ، ބޮޑު ޚަރަދެއް ކޮށްގެން ހަދާ ތަންތަނަށް ވަންނަން ތިބޭނީ ކޮން ބައެއްތޯއާއި، އާންމު ރައްޔިތުންގެ މިހާ ބޮޑު ނުރުހުމެއް އޮތް ކަމެއް ކުރިއަށް ގެންދިއުމަކީ ފަސޭހަ ކަމެއްގެ ގޮތުގައި އިންވެސްޓަރުން ނުދެކޭނެތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319