logo
އިސްމާއިލް ޒަރިޔަންދު---

އިސްމާއިލް ޒަރިޔަންދު---

އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލްއައްބާރުގެ ހަގީގަތް ޒަރިޔަންދު ހާމަކުރައްވައިފި

profile

ޖިނާން ޙުސައިން ޖަބީން - 26 އޮކްޓޯބަރު 2026 - 03:54

ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރެވިފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ، މުހައްމަދު އަލްއައްބާރަކީ ކާކުކަމާއި، އިޒުރޭލާ އޭނާ ހުރި ގުޅުންތަކުގެ އިތުރުން އޭނާގެ ކުންފުނީގެ ހަގީގަތް ޕީއެންއެފްގެ އެކްޓިވިސްޓް އިސްމާއިލް ޒަރިޔަންދު ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

ޒަރިޔަންދު ވިދާޅުވި ގޮތުގައި، އަލްއައްބާރަކީ ބިލިއަން ޑޮލަރުގެ މުއްސަނދިކަން ލިބިފައިވާ ފަރާތެއް ކަމަށާއި، ޔޫއޭއީގެ މަޝްހޫރު އެމާރް ކުންފުނީގެ މައިގަނޑު ހިއްސާދާރަކީ ވެސް އޭނާ ކަމަށެވެ. އަލްއައްބާރަކީ އެތައް ކުންފުނިތަކެއްގައި ހިއްސާ އޮންނަ ބޭފުޅެއްގެ އިތުރުން، ޔޫއޭއީގެ ދުބާއީ ސަރުކާރުގެ ވެރިޔާގެ އިގުތިސާދީ މުޝީރުކަން ފާހަގަކުރައްވައި ޒަރިޔަންދު ވިދާޅުވީ، އޭނާގެ ބަސް ދުބާއީ ސަރުކާރުންނާއި ދުބާއީ ފަންޑުން ނިންމާ މައިގަނޑު ނިންމުންތަކުގައި ވަރަށް ބޮޑަށް ހިނގާ ކަމަށެވެ.

މިކަމުގެ ހެއްކެއްގެ ގޮތުން ޒަރިޔަންދު ފާހަގަކުރެއްވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ސަރުކާރުން ދުބާއީ ފަންޑަށް ދައްކަންޖެހިފައިވާ 100 މިލިއަން ޑޮލަރުގެ ފައިސާ ދެއްކުން ފަސްކުރުމުގެ މައްސަލައެވެ. އެ ފައިސާ ދެއްކުން މިހާރު ފަސްކޮށްފައިވާ ކަމަށާއި، އަލްއައްބާރު އާންމު ގޮތެއްގައި އެއްބަސްވުންތައް ހަދަނީ ސަރުކާރުގެ އިސްވެރިން ނުވަތަ އިސް ވަޒީރުންނާ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ. އަދި އޭނާއަކީ ޔޫއޭއީއާ ބައިވެރިވާ ގައުމުތަކުގައި ޔޫއޭއީއާއި އެ ގައުމުތަކުގައި ދޭތެރޭގައި ގުޅުންތަކެއް އުފެދި ވަރަށް ބައިވަރު ފައިދާތަކެއް އެ ގައުމުތަކުގެ ވެރިންނަށް ވާނެ ކަމަށް ދައްކައިގެން ބޮޑެތި އިންވެސްޓްމަންޓް ހޯދާ ފަރާތެއް ކަމަށްވެސް ވިދާޅުވިއެވެ.

އަލްއައްބާރު އިޒުރޭލާއި ޔަހޫދީންނާ ގުޅުންތަކެއް ބާއްވާ ފަރާތެއްކަން ހާމަކުރައްވައި ޒަރިޔަންދު ވިދާޅުވީ، 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިޒުރޭލުން ފަލަސްތީނުގެ ޣައްޒާ ފުނޑާލުމަށްފަހު، ޔަހޫދީން އެތަނުން ފައިބައިގެން ދިޔަ ދަނޑިވަޅުގައި އަލްއައްބާރު އިޒުރޭލަށް ގޮސް، ޔަހޫދީންގެ އޭރުގެ ބޮޑުވަޒީރު ޝިމޮން ޕެރޭޒްއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ސުންނާފަތިކޮށްފައިވާ ގައްޒާގައި ރިއަލް އެސްޓޭޓް އުސޫލުން އަލުން ގެދޮރު ބިނާކުރުމުގެ މަސައްކަތް ފަށަން ބޭނުންވާ ކަމަށް ބުނެ އެކަން ޔަހޫދީންގެ ބޮޑުވަޒީރަށް ހުށަހެޅި ކަމަށާއި، އަދި މިކަމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮއެދިގެން ކުރާކަމެއް ކަމަށް އޭނާ ބުނި ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރު އިޒުރޭލުގެ "ނެޝަނަލް ފުޑް ސެކިއުރިޓީ އިނީޝިއޭޓިވް" އަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދޫކޮށްފައިވާކަން 2021 ވަނަ އަހަރުގައި އިޒުރޭލުގެ ވިޔަފާރި ނޫހަކުން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ. އަދި ޑިސެމްބަރު 2020 ގައި ޔޫއޭއީއާ އިޒުރޭލް ސޮއިކުރި "އެބްރަހަމް އެކޯޑްސް" ގެ ރަސްމިއްޔާތުގައި ޔޫއޭއީގެ އިސްލާމީ ފަރާތްތަކަށް އިޒުރޭލުގެ ޔަހޫދީންނާއެކު ގުޅިގެން އުޅުމަށް އަލްއައްބާރު ގޮވާލައި ވާހަކަ ދެއްކެވިކަން ޒަރިޔަންދު ވަނީ ފާހަގަކުރައްވާފައެވެ.

އަލްއައްބާރުގެ ކުންފުނިން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިނގާފައިވާ ނުރައްކާތެރި ކަންކަން ވެސް ޒަރިޔަންދު ހިއްސާކުރެއްވިއެވެ. އެގޮތުން 2016 ވަނަ އަހަރު ސަރބިއާގެ ބެލްގްރޭޑްގެ ވޯޓަރ ފްރަންޓްގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތައް އުސްނުކޮށް ހުރުމުން، މޫނު ނިވައިކޮށްގެން ތިބި ބަޔަކު ރޭގަނޑު އެތަނަށް ވަދެ، އެ އިމާރާތްތައް ތަޅާލާފައިވާކަން ޒަރިޔަންދު ފާހަގަކުރެއްވިއެވެ. އަދި މިކަމާ ބެހޭ ގޮތުން އެތަނުގެ ކޯޓުތަކުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި، ތަހުގީގުން ހާމަވީ ފުލުހުންނަށް އޮތީ އެތަން ތަޅާލިއަސް އަޅާނުލުމަށް އަންގާފައި ކަމަށެވެ. މިސްރުގައި ވެސް މިފަދަ ކަންކަން ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހި ސަރުކާރުން ބުނަމުންދަނީ ރަސްމާލެ މަޝްރޫއުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށާއި، 12 ބިލިއަނާއި 20 ބިލިއަނާ ދެމެދުގެ އަދަދަކުން ފައިދާ ވާނެ ކަމަށެވެ. އަދި 10 އަހަރުގެ ތެރޭގައި 15,000 ހައުސިންގ ޔުނިޓް ތަރައްގީކުރެވޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ. ނަމަވެސް ޒަރިޔަންދު ވިދާޅުވީ، އީގަލް ހިލްސް ކުންފުނީގެ މަސައްކަތުގެ ރޭޓަށް ބަލާއިރު، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެ ކުންފުންނަށް ތަރައްގީކުރެވޭނީ އެންމެ ގިނަވެގެންވެސް 3,950 ހައުސިންގ ޔުނިޓް ކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތުގެ މާހައުލަށް ބަލާއިރު، އެންމެ ގިނަވެގެން ތަރައްގީކުރެވޭނީ 1,050 ހައުސިންގ ޔުނިޓް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ބޮޑު ޓައުންޝިޕެއްގައި ހުންނަންޖެހޭނެ ހޮސްޕިޓަލާއި، ފައްޅިއާއި ޗާޗު އަދި ފުލުސް ސްޓޭޝަންގެ އިތުރުން ސްކޫލްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް އީގަލް ހިލްސް ކުންފުނިން އިންވެސްޓްކުރާއިރު، މި ހުރިހާ ކަންކަމާއެކު އެންމެ ގިނަވެގެންވެސް ތަރައްގީކުރެވޭނީ 1,050 ހައުސިންގ ޔުނިޓް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމަށް ހޭދަވި މިންވަރު ސަރުކާރުން އަދިވެސް ހާމަނުކުރާއިރު، 500 ހެކްޓަރު ހިއްކުމަށް 272 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި، މުޅި ރަސްމާލެ ހިއްކުމަށް 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަވާނެ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. މި ހުރިހާ ކަންކަމަށް ބަލާއިރު، ސަރުކާރަށް އެ މިންވަރަށް ފައިސާ ލިބޭނެކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319