logo
މޫނިމާ ލޮޖު،

މޫނިމާ ލޮޖު،

އެޕިސޯޑް 4 — އެ ހިޔަންޏަކީ އިންސާނެއްބާ؟ ނުނީ ޖިންނިއެއްބާ؟

profile

އާމިނަތު ޝަޒްލާ - 12 ނޮވެމްބަރު 2026 - 08:14

ރޭގަނޑުގެ ވަގުތުތައް ފާއިތުވަމުންދިޔަ ވަރަކަށް، ފޯނުގެ ގަޑިން ފެންނަމުންދިޔަ ނަންބަރުތައް މަޑުމަޑުން ބަދަލުވަމުންދިޔައެވެ.

https://wamco.com.mv/

ކުރިމަތީގައި ހުރި މަސައްކަތްތަކަށް ސަމާލުކަން ދެވޭތޯ އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. ނަމަވެސް، އަހަރެންގެ ސަމާލުކަން ތަކުރާރުކޮށް ހުއްޓެމުންދިޔައީ ސިޑިއާ ދިމާއަށެވެ. ކޮންމެ މަދު މިނެޓުކޮޅަކުން، އެ ދިމާއަށް ބަލައިލެވެނީ ސިޑީގެ މަތީގައި ކޮންމެވެސް އެއްޗެއް ހުއްޓި ހުންނާނެ ކަމުގެ ބިރުވެރި އިހުސާސަކާއެކުގައެވެ.

ނަމަވެސް އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.

މުޅި ގޭތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ.

ސޯފާގައި ބުރަކަށި ޖައްސާލައި، އަހަރެންގެ ދެލޯ އުނގުޅާލީމެވެ. ފަހަރެއްގައި އެއީ ވަރުބަލިކަމުގެ ސަބަބުން ވާގޮތެއް ކަމަށް ވެދާނެއެވެ. ދަތުރުގެ ވަރުބަލިކަމާއި، ބީރައްޓެހި މާހައުލުގެ އިތުރުން އެ ފިނިހަކަގޭގެ ނާމާންކަން އަހަންނަށް ބޭނުންވާ ވަރަށްވުރެ ބޮޑަށް އަސަރުކުރަން ފަށައިފިއެވެ.

ފެންފުޅި ނަގައި ކުޑަ އެތިފޮދެއް ބޯލީމެވެ.

އެވަގުތު އަނެއްކާވެސް އަޑެއް އިވުނެވެ.

އެއީ ފިލާގަނޑެއް ކާއްތާލި ކަހަލަ މަޑު، ނަމަވެސް ސާފު އަޑެކެވެ.

މިފަހަރު އެ އަޑު އިވުނީ ކުރިއަށްވުރެ ގާތުންނެވެ.

އަހަރެން މަޑުމަޑުން ބޯންހުރި ފެންފުޅި ތިރިކޮށްލީމެވެ.

އަހަރެންގެ ނަޒަރު އަނެއްކާވެސް ސިޑިއާ ދިމާއަށް ހުއްޓުނެވެ.

"ހަލޯ؟"

އަމިއްލަ އިޚުތިޔާރުން ބޭރުގައި އަހަރެންގެ ދުލުން އެ ބަސް ބޭރުވިއެވެ.

އެއްވެސް ޖަވާބެއް ނުލިބުނެވެ.

އަހަރެންގެ އަމަލުތައް ހުރި ގޮތުން އަމިއްލަ ނަފްސަށް ހީލެވުނެވެ. ޖަވާބު ދޭނީ ކާކު ހެއްޔެވެ؟ އާދަމްބޭ މިހާރު ހުރީ ގޮސްފައެވެ. ގޭގައި ހުރީ ހަމައެކަނި އަހަރެންނެވެ.

ނުވަތަ، އަހަންނަށް ހީވެފައި އޮތީ އެހެންނެވެ.

ފޯނު ސޯފާގައި ބޭއްވުމަށްފަހު އަހަރެން ތެދުވީމެވެ. ކޮޓަރިއަށް ގޮސް، އެއްވެސް އަޑެއް ނީވޭ ކަމަށް ހެދިގެން ނިދަން އޮށޯންނަންވެސް ހިތަށް އެރިއެވެ. ނަމަވެސް، އެ އިވުނު އަޑާ މެދު ވިސްނަ ވިސްނައި މުޅި ރޭ ހޭދަކުރުމަށްވުރެ، އެއީ ކޮން އެއްޗެއްތޯ ބަލައިލުން މާ ރަނގަޅު ކަމަށް ފެނުނެވެ.

އަހަރެން ސިޑިއާ ދިމާއަށް ހިނގައިގަތީމެވެ.

ފިލާ ސިޑީގެ ހަރުފަތްތަކަށް އަރާއިރު، ފައިދަށުން ކުޑަ އަޑެއް ކިޔައެވެ. ގޭގެ ދޮރުމަތީގައި ހުރި ބޮކި ދިއްލާލުމުން، ސިޑީގެ ތިރީ ބަޔާއި މަތީގެ ހަނި ފެންޑާ އަށް އަލިވެގެންދިޔައެވެ.

ހުރިހާ ކަމެއްވެސް ފެންނަނީ އާދައިގެ ގޮތަކަށެވެ.

ސިޑީގެ އަތްގަނޑުގައި ހިފަހައްޓައިގެން، ލަސްލަހުން މައްޗަށް އެރީމެވެ.

މައްޗަށް އެރުމަށްފަހު، ކުޑަވަގުތުކޮޅަކަށް މަޑުކޮށްލީމެވެ.

މަތީ ފެންޑާ އޮތީ ހަމަހިމޭންކޮށެވެ. ކޮޓަރިތަކުގެ ދޮރުތައް ހުރީ ލައްޕާފައެވެ. ސީލިންގުން ފެންނަން ހުރި ފަނޑު ރީނދޫ އައްޔަކުން، ފާރުތަކުގެ މައްޗަށް ދިގު ހިޔަނިތަކެއް އެޅިފައި ހުއްޓެވެ.

ކަނުލައި އަޑުއަހާލީމެވެ.

އެއްވެސް އަޑެއް ނީވެއެވެ.

އަހަރެން ފުރަތަމަ ކޮޓަރިއާ ދިމާއަށް ގޮސް، މަޑުމަޑުން ދޮރު ހުޅުވާލީމެވެ.

ފަޅެވެ.

ކޮޓަރި ހުރީ ކުރިންވެސް އަހަރެން ދޫކޮށްލި ގޮތަށެވެ. ކުޑަދޮރުގެ ދޮރުފަތްތައް ހުރީ ހަރަކާތެއް ނެތް ގޮތުގައެވެ. ފަރުނީޗަރުތަކަށްވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ޖެހިގެން ހުރި ކޮޓަރިވެސް ބެލީމެވެ.

ދެން ފެންޑާގެ އެންމެ ކޮޅުގައި ހުރި ކޮޓަރިއެވެ.

އެއްވެސް މީހެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ.

އަހަރެން ކުޑަވަގުތުކޮޅަކަށް ދޮރުމަތީގައި މަޑުކޮށްލައި، ވަށައިގެން ބަލައިލީމެވެ. ސަބަބެއް ބުނެދޭން ނޭނގުނަސް، ތަފާތު އިހުސާސެއް ކުރެވެން ފެށިއެވެ.

ފަހަރެއްގައި އެއީ އެތަނުގެ ހަމަހިމޭންކަމުގެ ސަބަބުން ވާގޮތެއް ކަމަށް ވެދާނެއެވެ. "މޫނިމާ ލޮޖް" ގެ ހަމަހިމޭންކަމުގައި ތަފާތު ގޮތެއް ހުރެއެވެ. އެއީ މުޅިން ހުސް ތަނެއް ކަމަކަށް އިހުސާސެއް ނުކުރެވެއެވެ. ހީވަނީ އެ ގޭގެ ފާރުތައްވެސް ނޭވާ ހިފަހައްޓާލައިގެން ކޮންމެވެސް ކަމަކަށް އިންތިޒާރު ކުރާ ހެންނެވެ.

އަހަރެން ބޯ ހޫރާލުމަށްފަހު، ސިޑިއާ ދިމާއަށް އެނބުރުނީމެވެ.

އެވަގުތު އަހަރެންގެ ލޮލުގައި އެ ދޮރު އަޅައިގަތެވެ.

ފެންޑާގެ އެންމެ ކޮޅުގައި ހުރި ކުޑަ ލަކުޑި ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ.

އަހަންނަށް ޔަގީންވާ ގޮތުގައި ކުރިން އެ ދޮރު ހުރީ ލައްޕާފައެވެ.

ހިނގުން ހުއްޓާލީމެވެ.

މަތީބައިގެ ކޮޓަރިތައް ބަލަމުން ދިޔައިރު، އެ ދޮރު ފެނުނު ހަނދާން ވިއެވެ. އޭރު އެއީ މާ ބޮޑު ކަމަކަށް ނުހަދައި ދޫކޮށްލީ، އެއީ ގުދަނެއް ނުވަތަ ބޭނުންނުކުރާ ކޮޓަރިއެއް ކަމަށް ހީކޮށްފައެވެ.

މިހާރު، އެ ހުޅުވިފައި ހުރި ދޮރުގެ ތެރެއިން ފެންނަނީ ކަނު އަނދިރިކަމެވެ.

ވަރަށް ފަރުވާތެރިކަމާއެކު އެ ދޮރާ ގާތްވީމެވެ.

"މިއީވެސް ގުދަނެއްބާ؟" އަހަރެން މަޑުމަޑުން ބުނެލީމެވެ.

ދޮރުގައި އަތް ޖައްސާލުމަށްފަހު، މަޑުމަޑުން ކޮށްޕާލީމެވެ.

ކުޑަ އަޑަކާއެކު ދޮރު ހުޅުވުނެވެ.

އެއީ ކުޑަ ކޮޓަރިއެކެވެ. އެއް ފާރުގައި ބޭނުންކޮށްފައި ހުރި ބޯދާ އަލަމާރިއެއް ހުއްޓެވެ. އަދި އެތަނުގެ ކަނެއްގައި ފޮށިތަކެއް ޖަހާފައި ހުއްޓެވެ. އެތަނުގެ ހުރިހާ ތަނެއްގައި ވަނީ ހިރަފުސް ބޯވެފައެވެ.

އަހަރެން އެތަނުގެ ބޮކި ދިއްލާލީމެވެ.

ކުޑަކޮށް ފްލިކާވުމަށްފަހު، އަލި ހަރުލިއެވެ.

ވަށައިގެން ބަލައިލީމެވެ.

އާދަޔާ ޚިލާފު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

އެހެންނަމަވެސް، ކޮންމެވެސް އެއްޗަކަށް ބަދަލެއް އައިސްފައިވާ ކަމުގެ އިހުސާސް އަހަރެންގެ ހިތުން ފިލައިގެން ނުދިޔައެވެ.

އަހަރެން އެތެރެއަށް ވަދެ، ތަޅުމަށް ބަލައިލީމެވެ. ހިރަފުސް ބޯވެފައިވާ އެ ތަޅުމުގައި ފަނޑު ފިޔަވަޅުތަކެއްގެ ނިޝާން ހުއްޓެވެ. ނަމަވެސް، އެއީ ދާދި ފަހުން ޖެހިފައި ހުރި އެއްޗެއްތޯ ނުވަތަ އެތައް އަހަރެއް ވެފައިވާ އެއްޗެއްތޯ ވަކިކުރާކަށް ނޭނގުނެވެ.

ފޯނުގެ ފްލޭޝްލައިޓް ދިއްލާލުމަށްފަހު، އަލަމާރިއާ ދިމާއަށް އަލިކުރީމެވެ.

އޭގެ ތެރޭގައި ގޭގައި ބޭނުންކުރާ ބައެއް ބޯދާ ތަކެތި ހުއްޓެވެ. އޮޅާފައި ހުރި ފޮތިގަނޑުތަކަކާއި، ހަލާކުވެފައިވާ ފޮޓޯ ފްރޭމެއްގެ އިތުރުން ބާވެ ކުލަ ފަނޑުވެފައިވާ ބައެއް ފޮތްތައް ހުއްޓެވެ.

އަހަރެން އޭގެ ތެރެއިން ފޮތެއް ނެގީމެވެ.

އޭގެ ބޭރުގަނޑު ބާވެފައިވާ ވަރުން، އޭގައި ލިޔެފައިވާ ނަންވެސް ކިޔަން ނޭނގެއެވެ.

ވަރަށް ފަރުވާތެރިކަމާއެކު ފޮތް ހުޅުވާލީމެވެ. ސަފުހާތައް ވަނީ ރީނދޫވެފައެވެ. އަދި ބާވެފައިވާ ކަރުދާހުގެ ވަސް އެއިން ދުވަމުންދިޔައެވެ.

ފުރަތަމަ މަދު ސަފުހާތަކުން މާ ޚާއްޞަ އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.

އަހަރެން ސަފުހާތައް އުކަމުން ދިޔައީމެވެ.

އޭގައި ގިނައިން ހުރީ އަތުން ލިޔެފައިވާ ނޯޓުތަކެވެ. ނަމަވެސް، އެ ލިޔުންތައް ދެނެގަންނަން އުނދަގުލެވެ. އެއީ ދިވެހި ބަސް ކަމެއް ނުވަތަ އެހެން ބަހެއް ކަމެއްވެސް ޔަގީނެއް ނުވިއެވެ.

ފޮތް ލައްޕާލުމަށްފަހު، އޮތް ތަނުގައި ބޭއްވީމެވެ.

ބާ ތަކެތި ހޯދުމުގައި މުޅި ރޭ ހޭދަކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އެތަނުން ނިކުންނަން ހިނގައިގަތް ވަގުތު، ކަމަކަށް ސަމާލުކަން ހުއްޓުނެވެ.

ވަރަށް މަޑު ވަހެކެވެ.

އެއީ ހުސްނުހީނާ މާ ކަހަލަ މީރު ވަހެކެވެ.

އަހަރެން ހުއްޓި، ވަށައިގެން ބަލައިލީމެވެ.

އެ ކޮޓަރިއަކީ އެތައް ދުވަހެއް ވަންދެން ބަންދުކޮށްފައި ހުރި ތަނެކެވެ.

އެހާ ތާޒާ މީރުވަހެއް އެތަނުގައި ހުންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

އަހަރެން އަނެއްކާވެސް ފުންކޮށް ނޭވާއެއްލީމެވެ.

އެ ވަސް އަދިވެސް އެބަހުއްޓެވެ.

ކުޑަހިނދުކޮޅަކަށް، އެ ވަސް އަންނަނީ ކޮޓަރިން ބޭރުންތޯ އަހަރެންގެ ހިތަށް އެރިއެވެ. ނުވަތަ އެއީ އެތަނުގައި ހުރި ބާ ފޮތިތަކުގައި ހަރުލާފައި ހުރި ވަހަކަށް ވެސް ވެދާނެއެވެ.

އިތުރަށް އެކަން ބަލާކަށް އަހަރެން ގަސްތެއް ނުކުރަމެވެ.

ބޮކި ނިވާލުމަށްފަހު، ބޭރަށް ނިކުމެ ދޮރު ލައްޕާލީމެވެ.

އަނބުރާ ސިޑިއާ ހަމައަށް ދެވުނުއިރު، ކޮންމެ ކުޑަކުޑަ ކަމަކަށް މިހާ ބޮޑަށް ސަމާލުކަން ދެވޭތީ އަހަރެން އަމިއްލައަށް ލަދުގަންނަން ފެށިއެވެ.

ބާ ގޭގެއިން ތަފާތު އަޑުއަޑު އިވޭނެއެވެ. ހިރަފުސް ބޯވެފައިވާ ކޮޓަރިތަކުން ތަފާތު ވަސް ދުވާނެއެވެ. އަދި ވައިގެ އޮއިވަރަށް ބަދަލު އައުމުން ދޮރުތައް އަމިއްލައަށް ހަރަކާތްތެރިވުމަކީ ވެސް ވެދާނެ ކަމެކެވެ.

ކޮންމެ ކަމަކަށްވެސް ދެއްކޭނެ ބުއްދިވެރި އުޒުރެއް އޮންނާނެއެވެ.

އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައީ އެފަދައިންނެވެ.

އެނބުރި ސިޓިންގ ރޫމަށް ގޮސް، ފޯނު ނަގައި ގަޑި ބަލައިލީމެވެ.

އަހަރެން ހީކުރި ވަރަށްވުރެ މާ ލަސްވެއްޖެއެވެ.

އަހަރެންގެ ތަކެތި ހަމަކޮށް، ޓީވީ ނިވާލީމެވެ. އަނެއްކާވެސް މައްޗަށް އެރުމުގެ ކުރިން، ގޯތިތެރެއާ ދިމާއަށް ބަލައިލީމެވެ.

ބޭރަށް ނިކުންނަ ދޮރު ހުރީ ތަޅުލާފައެވެ.

ލޯގަނޑުގެ ތެރެއިން ބޭރު ބަލައިލިއިރު، އަނދިރިކަމުގެ ތެރެއިން ބަގީޗާ ފެންނަނީ ކުޑަކޮށެވެ. ރޭގަނޑުގެ ފިނި ވައިރޯޅިތަކާއެކު ގަސްގަހުގެ ފަތްތައް މަޑުމަޑުން ހަރަކާތްތެރިވަމުން ދިޔައެވެ.

މަދު ސިކުންތުކޮޅަކަށް އަހަރެން އެތަނުގައި މަޑުކޮށްލީމެވެ.

ދެން، އަނބުރާލަން އުޅުނު ވަގުތު، ކަމެއް ފާހަގަވިއެވެ.

ބަގީޗާގެ އެންމެ ދުރުން ކުޑަ ހަރަކާތެއް ފެނުނެވެ.

އަހަރެން ލޯ ހަނިކޮށްލާފައި ރަނގަޅަށް ބަލައިލީމެވެ.

ކުޑަވަގުތުކޮޅަކަށް، ގަސްތަކުގެ ކައިރީގައި މީހަކު ހުއްޓި ހުރިހެން އަހަންނަށް ހީވިއެވެ.

އެއީ ފަނޑު ހުދު ކުލައިގެ ސިފައެކެވެ.

އެއްވެސް ހަރަކާތެއް ނެތެވެ.

އަހަރެން ލޯގަނޑާ ގާތަށް ޖެހިލީމެވެ.

ވައިރޯޅިއާއެކު ގަސްގަފުގެ ގޮފިތައް ހަރަކާތްކޮށްލުމުން، އެ ފެނުނު ސިފަ ގަސްތަކުގެ ފަހަތަށް ގެއްލުނެވެ.

އަނދިރިގަނޑުގެ ތެރެއަށް ބަލަހައްޓައިގެން އަހަރެން ހުރިތަނުގައި ހުރީމެވެ.

އަހަރެންގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.

"ފަހަރެއްގައި އެއީ ހަމައެކަނި ގަހެއް ކަމަށް ވެދާނެ،" އަހަރެން މަޑުމަޑުން ބުނެލީމެވެ.

ނަމަވެސް، އެއީ ހަމައެކަނި ގަހެއް ކަމަކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވިއެވެ.

އެންމެފަހުން އެ ދިމާއިން ނަޒަރު ވަކިކޮށްލުމަށްފަހު، ސިޑިއާ ދިމާއަށް ހިނގައިގަތީމެވެ.

އަހަރެންގެ ފަހަތުން، މޫނިމާ ލޮޖަށް އަނެއްކާވެސް ހަމަހިމޭންކަން ވެރިވިއެވެ.

އަދި މަތީގެ ކޮންމެވެސް ހިސާބަކުން، ފިލާގަނޑެއް ކާއްތާލި އަޑު އަނެއްކާވެސް އިވުނެވެ.

އަހަރެން ހުއްޓުނީމެވެ.

މިފަހަރު އަހަރެން ފަހަތެއް ނުބަލަމެވެ.

ހަމައެކަނި އަޑުއަހަން ހުރީއެވެ.

އިތުރު އަޑެއް ނީވުނެވެ.

އަހަރެން ކުޅުދިލާލުމަށްފަހު، ބާކީ ހުރި ބޮކިތައް ނިވާލައި، މައްޗަށް އެރީމެވެ.

އަހަރެން ދިޔަމިގިއްޔަށް އައީ މަސައްކަތާއިއެކު ހަމަހިމޭން އުފާވެރި ދުވަސްކޮޅެއް ހޭދަކޮށްލުމުގެ އުންމީދުގައެވެ.

ނަމަވެސް، މޫނިމާ ލޮޖުގެ ރޭވުންތައް ހުރީ ތަފާތު ގޮތަކަށް ބާއޭ އަހަރެންގެ ހިތަށް އަރަން ފަށައިފިއެވެ. އެ ހުދު ކުލައިގެ ހިޔަންޏަކީ އިންސާނެއްބާއޭ ނުނީ ޖިންނިއެއްބާއޭ؟ އަހަރެންގެ ހިތަށް އެތަށް ސުވާލެއް އަރަން ފޭށިއެވެ.

https://wamco.com.mv/
tel:+9607331319