
ފެނަކަ އުވާލަން ނިންމިއިރު ސަޕްލަޔަރުންނަށް ދޭން 3 ބިލިއަން ރުފިޔާ އެބައޮތް: އޮޑިޓް ރިޕޯރޓް

ރިޟްވާން މޫސާ - 12 ނޮވެމްބަރު 2026 - 10:14
އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަނުގެ ދަރަނި އޮތް ކަމަށް 2024 ވަނަ އަހަރުގެ އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
ސަރުކާރުން ވަނީ، ފެނަކަ އުވާލަން ނިންމައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތްތައް ފަށާފައެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ހުރި ފެނަކައިގެ ދިދަ އަދި ނަންބޯޑުފަދަ ތަކެތި ނެގުމަށްފަހު އެތަންތަނުގައި މިހާރު ވަނީ ސްޓެލްކޯގެ ބޯޑު ހަރުކޮށްފަ އެވެ.
އޮޑިޓް ރިޕޯޓުގައި ހުރި ހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު 31، 2024ގެ ނިޔަލަށް، ފެނަކައިން މުދަލާ ޚިދުމަތް ހޯދައި، ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ ވަނީ 3.51 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، އޭގެ ކުރީ އަހަރު ކަމަށްވާ 2023 ނިމުނުއިރު، ސަޕްލަޔަރުންނަށް ދައްކަން އޮތް 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 ޕަސެންޓު އިތުރު އަދަދެކެވެ.
މީގެއިތުރުން، އެކި ގޮތްގޮތުން އެ ކުންފުނިން ދައްކަން އޮތް ދަރަނި ވަނީ، 3.59 ބިލިއަނަށް އަރާފައެވެ.
އޮޑިޓު ރިޕޯޓުގައިވާ ބުނީ، ސަޕްލަޔަރުންނަށް ފެނަކައިން ދައްކަން ޖެހޭ ކަމަށް މާލީ ބަޔާނުގައި ހިމަނާފައިވާ 3.51 ބިލިއަނުގެ ތަފުސީލާއި ދަރާފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ލިބިފައެެއް ނުވެއެވެ. އެހެންވެ، އެ އަދަދުގެ ސައްހަކަން އޮޑިޓަށް ޔަގީންކުރެވިފައެއް ނުވެއެވެ.
އެ ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، 2024 ނިންމާލީ، އެ އައަހަރު 547 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ. 2023ގައި ވެސް އެ ކުންފުންޏަށް 811 މިލިއަނުގެ ގެއްލުމެއް ވެފައިވެއެވެ.
އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި، ފެނަކައިގެ ދަރަންޏާއި ޚަރަދު އިންތިހާއަށް ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި އެ ކުންފުނި ހިންގިދާނެ ކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.





.webp&w=3840&q=75)
