
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު --- ފޮޓޯ: މަޖިލިސް
ފިކުރަށް ބަލައިގެން ވަޒީފާ ނުދެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ޖެހޭ: މެމްބަރު ހުސްނީ

މަރްޔަމް އުމްނާ އިސްމާޢީލް - 14 އޮކްޓޯބަރު 2024 - 07:39
މީހެއްގެ ސިޔާސީ ފިކުރަށް ބަލައިގެން ކައުންސިލްތަކުގެ ވަޒީފާއަށް ނުނެގޭ ގޮތް ހަދަން ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
މެމްބަރު ހުސްނީ މިގޮތަށް ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ހިންގާ ބިމުގައި ދެ ބުރީގެ ޢިމާރާތެއް އެޅުމަށް ކޮށްފައިވާ ހަރަދުތަކާގުޅޭ އެސެސްމަންޓްގެ ރިޕޯޓު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
ފިކުރަށް ބަލައިގެން ކައުންސިލްތަކުން ވަޒީފާދޭ ވާހަކަ މެމްބަރު ދެއްކެވީ، ކުޅުދުއްފުށި ސިޓީގައި އިދިކޮޅު އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން މަހާސިންތާ" ގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކައަކަށް އިޝާރާތް ކުރައްވަމުންނެވެ.
މޭޔަރ އާޒިމް ވިދާޅުވެފައިވަނީ، އޭނާ ބޭނުންވެގެން ކައުންސިލަށް 15 ކޮންސަލްޓެންޓުން ވަޒީފާއަށް އައްޔަނުކުރިއިރު، އޭގެތެރެއިން 14 މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށެވެ.
އާޒިމްގެ އެ ވާހަކައާ ގުޅިގެން މެމްބަރު ހުސްނީ ވިދާޅުވީ، ފެންނަމުންދަނީ ކޮންޓްރެކްޓު އުސޫލުން މުވައްޒަފުން ނެގުމުގެ ބާރު ކައުންސިލްތަކަށް ދީފައި އޮންނައިރު އެކަމުގެ ނާޖާއިޒް ފައިދާ ނަގަމުންދާ މަންޒަރު ކަމަށެވެ.
އެކަން ފާހަގަކުރައްވަމުން މެމްބަރު ގޮވާލެއްވީ "ވަކި ފިކުރެއް ނުވަތަ އެޖެންޑާއެއްގެ ދަށުން" ވަޒީފާތަކަށް މުވައްޒަފުން ނެގުން ގާނޫނީ އިމުގެ ތެރެއިން ހުއްޓުވުމަށެވެ.
"ހިތާމައަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ އިމުގެ ތެރޭގައި ކައުންސިލްތައް ހަރަކާތްތެރިވަމުންދާ ދިއުމުގައި ކައުންސިލްތަކަށް މާލީގޮތުން ހަރަކާތްތެރިވުމަށް ދީފައިމިވާ އިހުތިޔާރުގެ ތެރޭގައި ނާޖާއިޒް ގޮތުގައި އެ ބޭނުން ކުރަމުންދާކަން، ކައުންސިލްތައް ގިނަކަން އަޅުގަނޑު ފާހަގަކުރަން ބޭނުންވޭ، އެ ކޮންޓްރެކްޓުގެ ތެރެއިން ކައުންސިލްތަކަށް މުވައްޒަފުން ނެގެން އޮންނައިރު ވަކި ފިކުރެއްގެ ދަށުން ވަކި އެޖެންޑާއެއްގެ ދަށުން މެރިޓް އުސޫލަށް ބެލުމެއް ނެތި ވަޒީފާތަކަށް މީހުން ނަގަމުންދާދިއުން އެއީ ގާނޫނީ އިމުގެ ތެރެއިން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން." މެމްބަރު ހުސްނީ
އެހެންނަމަވެސް އެއީ، އެއްވެސް ހާލެއްގައި ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ހަނިކުރަން މަސައްކަތް ކުރުމެއް ނޫން ކަމަށް ހުސްނީ ވިދާޅުވިއެވެ. މެމްބަރު ގަބޫލުކުރައްވާ ގޮތުގައި ދައުލަތުން ބަޖެޓް ދީގެން ކައުންސިލްތައް ހިންގާ ހިނދެއްގައި އެ ކައުންސިލްތައް ހިންގަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
މީގެއިތުރުން، މާލެ ސިޓީ ކައުންސިލްގެ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް އާޒިމް ދެއްކެވި ވާހަކައަށް ވެސް މެމްބަރުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.
އެގޮތުން މެމްބަރު ހުސްނީ ވިދާޅުވީ، ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅުން ތަކުރާރުކުރި ނަމަވެސް، މަހާސިންތާގައި އާޒިމް ދެއްކެވި ވާހަކައިންވެސް އެއީ ހަގީގަތެއް ނޫންކަން ހާމަވި ކަމަށެވެ. އަދި އެ ދުވަހުވެސް ހާމަވެގެންދިޔައީ މި ސަރުކާރުން އެއްވެސް ކައުންސިލެއް ހިންގުމަށް ހުރަހެއް ނާޅާނެ ކަން ކަމަށް ވެސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން