logo

މިވީހާތަނަށް ފެނުނީ ވައުދު ނުފުއްދޭ ސަރުކާރުތައް، މި ސަރުކާރުން ތަފާތު ދައްކައިފި: މުހައްމަދު އިސްމާއިލް

profile

އާމިނަތު ޝަފާ - 21 ސެޕްޓެމްބަރު 2024 - 13:45

ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އަސްލު ޓީވީއަށް އިންޓަވިއު ދެއްވަނީ:

ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އަސްލު ޓީވީއަށް އިންޓަވިއު ދެއްވަނީ:

މިވީހާތަނަށް ރައްޔިތުންނަށް ފެނުނީ ވެރިކަމަށް އައުމަށް ވައުދުތަކެއް ވުމަށްފަހު، ވެރިކަމަށް އާދެވުމުން އެ ވައުދުތައް ނުފުއްދާ ސަރުކާރުތަކެއް ކަމަށާއި އެހެންނަމަވެސް މިސަރުކާރަށް 10 މަސް ފުރުނުއިރު ރައްޔިތުންނަށް ތަފާތު ދައްކައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ހަރަކާތުގެ ތެރެއިން މިއަދު ހެނދުނު މާލޭގެ ހެންވޭރުގައި ފެށި ހަރަކާތަށްފަހު އަސްލު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ ވައުދުކަމަށެވެ.

އެގޮތުން ދިވެހިންގެ އިގްތިސާދީ ހާލަތާއި އިޖުތިމާއީ ހާލަތާއި ސިޔާސީ ހާލަތާއި ދޭދޭ ގައުމުގެ މެދުގައި އޮންނަ ގުޅުންތަކާ މެދުވެސް ފަހުބަސް ބުނާނީ ދިވެހިންކަމަށް ހަދައިދީ އެ ފުރުސަތު ހޯދާދީފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

"ފުރަތަމަ ވައުދަކީ އިންޑިއާ ސިފައިން ބޭލުން. އެކަން ކޮށްފިން. ދެން ވައުދަކަށްވީ ބޭރުގެ ނުފޫޒުން ރާއްޖެ މިނިވަންކުރުން. އެކަންވެސް ކޮށްފިން. ކަނޑުއަޑީގެ ޗާޓް ކުރެހުމާއި އުތުރުތިލަފަޅު އެއްބަސްވުން ބާތިލުކުރަން ވައުދުވީން. އެކަން ކޮށްފިން. ރާއްޖޭގެއިން ފިސާރި ފަލަކޮށް ފަވާލަދީފިން ރައީސް ވިދާޅުވީ ގޮތަށް . އެއީ ރައްޔިތުން ވަރަށް ބޭނުންވާކަމެއް." މެމްބަރު މުހައްމަދު އިސްމާއިލް

މެމްބަރު ވިދާޅުވީ އެންޑީޕީ ސަރުކާރުން އިގްތިސާދީގޮތުން ގައުމު ވައްޓާލި އަނދަވަޅުން ނެގުމަށް ކުރާ މަސައްކަތުގައިވެސް ސަރުކާރުން ކުރިއަރަމުންދާތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

"މާޒީގައި ވެރިކަންކޮށްފައި ތިބި ރައީސުންގެ ފަރާތުން ގައުމަށް ރައްޔިތުންނަށް ވެފައިވަނީ ފައިދާއަށްވުރެ ބޮޑަށް ގެއްލުން. މިނިވަންކަމާއި ސިޔާދަތަށް ނަޒަރު ހިންގާލިޔަސް ނިމިދިޔަ ސަރުކާރުން މިކަންކަމަށް ވީ އިހުމާލު ފެނިގެންދޭ. ކުރީ ސަރުކާރުގައިވެސް މަސައްކަތްތަކެއް ކުރިން އެކަމަކު އެ ސަރުކާތުން ދިނީ ބީރު ކަންފަތެއް." މުހައްމަދު އިސްމާއިލް

ރާއްޖޭގެ އިޖުތިމާއީ ފޭރާން މި ސަރުކާރުގައި ރަނގަޅުވެއްޖެ ކަމަށާއި ކުރީގެ ސަރުކާރުތަކަށް ހައްލުނުވެ އޮތް ބިދޭސީންގެ މައްސަލަވެސް ހައްލުކުރަނީ މިސަރުކާރުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވީއިރު ގައުމު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެކަންކަން މަޑުމަޑުން އެމަނިކުފާނު ގެންދަވަނީ ރަނގަޅު ކުރައްވަމުންކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

"އިއްޔެ އެ ފުރާވަޑައިގެންނެވީ ޔޫއެންއަަށް. އެ ބައްދަލުވުމުގައި މިއީ މިނިވަން ދައުލަތެއްކަން ، ކުޑަނަމަވެސް ބަސްބުނުމުގެ ހައްގު އެބައޮތްކަން އަންގައިދެއްވާނެ" މުހައްމަދު އިސްމާއިލް

އިންޓަރވިއު ނިންމާލައްވަމުން މެމްބަރު ވަނީ، ނޮވެމްބަރު މަސް އަންނަން ވާއިރަށް ރައީސް އެދިވަޑައިގެންނެވި އަމާޒަށް ވާސިލުވުމަށް ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތުގައި މުޅި ރާއްޖޭގައި ޕީއެންސީގެ ޓީމްތައްް ހަރަކާތްތެރިވާއިރު ކޮންމެ ހަފްތާއަކު އެއްދުވަހު ގްރޭޓަރ މާލޭ ސަރަހައްދުގައިވެސް މިހަރަކާތް ކުރިއަށް ގެންދެއެވެ. އަދި މި ހަރަކާތަށް ގިނަ ރައްޔިތުންގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

މިއަދުގެ ހަރަކާތް ފަށްޓަވައިދެއްވީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުއްﷲއެވެ.

ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތުގެ ތެރެއިން މިއަދު ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މެދު ހެންވޭރު، ހެންވޭރު އުތުރު، ހެންވޭރު ހުޅަނގު އަދި ހެންވޭރު ދެކުނު ދާއިރާގައެވެ.

10 ޖެހި އިރު ފެށި މި ހަރަކާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއާއި ހެންވެއިރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

tel:+9607331319