logo

ސަރުކާރުގެ ސިޔާސަތުތަކާއެކު ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއް: ޕީއެންސީ

profile

އައިޝަތު އިނާޝާ - 15 ސެޕްޓެމްބަރު 2024 - 18:18

އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ޕީއެންސީން

އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ޕީއެންސީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިޞްލާޙީ ބަދަލުތަކާއި، ހިފަހައްޓަވަމުންގެންދަވާ އަޚުލާޤީ މިންގަނޑުތަކުގެ އިތުރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއެކު ރާއްޖޭގެ ތާރީޚުގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅިގެން، ޕީއެންސީއިން ނެރުނު ބަޔާނެއްގައި އެ ޕާޓީން ވަނީ ރާއްޖޭގެ ޑިމޮކްރެސީއާއި ދައުލަތުގެ ހިންގުން ހަރުދަނާކުރައްވައި، އިސްލާމީ ގިއުގަނޑުގެ ތެރޭގައި، ދިވެހިވަންތަ އުޞޫލުތަކުގެ މަތީގައި ދިވެހި ދައުލަތް ޒަމާނީ ކުރިއަރާފައިވާ ދައުލަތެއްގެ ގޮތުގައި ބައްޓަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތަޢާރަފުކުރެވުނުތާ 16 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވީ ނަމަވެސް އެފަދަ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް އޮތީ ނުކުރެވި ކަން ޕީއެންސީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ގެންނަންޖެހިފައި ހުރި މުހިއްމު އިޞްލާޙުތައް ގެންނެވުމުގެ މަސައްކަތް ރައީސް މުއިއްޒު ފައްޓަވާފައިވާކަން ބަޔާނުގައި އެ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން އަހަރުން އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރެއްވުމާއި، ބޮޑެތި އިންތިޚާބުތައް ވަކިވަކިން އޮތުމުގެ ބަދަލުގައި އިންތިޚާބުތައް އެއް ތާރީޚެއްގައި ބާއްވާ ގޮތަށް ނިޒާމު ބަދަލުކުރެއްވުން ފަދަ ދައުލަތުގެ ހިންގުން ހަރުދަނާކުރަން ކުރަންޖެހިފައި ހުރި މުހިއްމު މަސައްކަތްތައް ކުރައްވަން ރައީސް ނިންމަވާފައިވެއެވެ. އެކަންކަމަކީ ދުރުރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިޞްލާޙުވާނެ ކަންތައްތަކެއް ކަމުގައި އެ ޕާޓީން ޤަބޫލުކުރާ ކަމަށް ބަޔާނުގައި ޕީއެންސީން ވަނީ ބުނެފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ޞިފަތައް ވަރުގަދަކުރައްވައި ހަރުދަނާކުރެއްވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަން ފާހަގަކޮށް ޕީއެންސީން ބުނީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރެއްވުމަށް ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭކަން ރައީސް ކަށަވަރުކޮށްދެއްވި ކަމަށެވެ. ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާއި ފިކުރާ އެއްގޮތަށް، ރާއްޖޭގެ އަމިއްލަ މަޞްލަޙަތުތައް އިސްކޮށްގެންކަން ޔަޤީންކޮށްދެއްވުމަށް "މޯލްޑިވްސް ފަސްޓު" ސިޔާސަތު ތަޢާރަފުކުރައްވައި ހިންގަވަން ފެއްޓެވިއެވެ. އަދި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، ޖުޑީޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނެވިއެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވައި ލޯކަލް ކައުންސިލުތަކަށް އާމްދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައް ފަހިކުރެއްވި ކަމަށް ވެސް ބަޔާނުގައި ޕީއެންސީން ވަނީ ބުނެފައެވެ.

ޕީއެންސީން ބުނީ ރައީސް މިހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި، ޒާތީ ރުޅިވެރިކަމާއި، ނަފުރަތާއި ޙަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުއްވައި، އެފަދަ ކަންކަން ނިމުމަކަށް ގެންނެވުމަށް ރިވެތި ނަމޫނާ ދައްކަވާ، ވާދަވެރިންގެ އަނބުރަށް އަރައިގަތުމާއި، ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުން ނިމުމަކަށް ގެންނެވުމަށް މަޑުމައިތިރިކަމާއެކު ޤައުމީ މައްސަލަތަކާމެދު ތެދު ބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ކަމަށެވެ.

ރައީސް ގެންދަވަނީ އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި ވާދަވެރި މާޙައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ޞުލްޙަވެރިކަމާއެކު ވެރިކަންކުރެއްވޭނެކަން ސާބިތުކޮށްދެއްވަމުން ކަމަށް ބަޔާނުގައި ޕީއެންސީން ވަނީ ބުނެފައެވެ.

ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިޞްލާޙީ ބަދަލުތަކާއި، ހިފަހައްޓަވަމުންގެންދަވާ އަޚުލާޤީ މިންގަނޑުތަކާއި، ގެންގުޅުއްވާ ހަރުދަނާ އިޤުތިޞާދީ އިޖުތިމާޢީ ސިޔާސަތުތަކާއެކު ރާއްޖޭގެ ތާރީޚުގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމަށް ބަޔާން ނިންމާލަމުން ޕީއެންސީން ވަނީ ބުނެފައެވެ.


tel:+9607331319