logo

ޕީއެންސީއަށް ވަންނަން މަޖުބޫރެއް ނުކުރާނެ: ޒީނާޒް

profile

އާމިނަތު ޝަފާ - 05 ސެޕްޓެމްބަރު 2024 - 15:41

ޕީއެންސީއަށް މެމްބަރުން އިތުރުމުގެ ހަރަކާތުގެ ތެރެއިން

ޕީއެންސީއަށް މެމްބަރުން އިތުރުމުގެ ހަރަކާތުގެ ތެރެއިން

ސަރުކާރުގެ އެއްވެސް ކުންފުންޏަކަށް ސަރުކާރު ހިންގާ ޕީޕަލްްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) އަށް ވަންނަން މަޖުބޫރެއް ނުކުރާނެކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޒީނާޒް ޢަދުނާން ވިދާޅުވެއްޖެއެވެ.

ޒީނާޒް މިފަދައިން ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުގެ މުވައްޒަފުން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަށް ސޮއިކުރަން މަޖުބޫރު ކުރަމުން ގެންދާކަމަށް ބުނެ ދައުރުވަމުންދާ ހަބަރުތައް ދޮގުކުރައްވައި "އަސްލުޓީވީ"އަށް މައުލޫމާތު ދެއްވަމުންނެވެ.

ބައެއް މީޑިއާތަކުގައި ހަބަރުފެތުރެމުންދަނީ އެޗްޑީސީގެ މުވައްޒަފުން ލައްވައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރަމުން ދަނީ މިހާރު އެ ޕާޓީން ކުރިއަށް ގެންދާ މެމްބަޝިޕް ޑްރައިވްގެ ތެރެއިން ކަމަށާއި މި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އެ ފޯމުތައް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވަން ނިންމާފައިވާކަމަށެވެ.

ޒީނާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށާއި ޕީއެންސީއަށް މެމްބަރު އިތުރުކުރުމަށް ހިންގޭ ހަރަކާތުގައި އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރުކަމެއް ނޯންނާނެކަމަށެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ސަރުކާރުން ހިންގާ ޕީއެންސީ ހެދުމުގެ އަމާޒުގައި އެ ޕާޓީން މާލެ ސަރަހައްދާއި އަތޮޅުތަކުގައި މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް ކުރިއަށްގެންދާއިރު މި ހަރަކާތުގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައިވެސް ތަފާތު ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އިލެކްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގައެވެ. އެ ޕާޓީގައި 50،000އަށް ވުރެ ގިނަ މެމްބަރުން ތިބިކަމަށް ދައްކައެެވެ. ދެން އެންމެ މެމްބަރުން ގިނަ ސަރުކާރު ކޯލިޝަނުގެ ޕާޓީ ޕީޕީއެމްގައި 34،000އަށް ވުރެ ގިނަ މުވައްޒަފުން ތިބިކަމަށް ދައްކާއިރު ވެރިކަންކުރާ ޕީއެންސީގައި ތިބިކަމަށް ދަފްތަރުން ދައްކަނީ 28،000 އަށްވުރެ ގިނަ މެމްބަރުންނެވެ.

tel:+9607331319