logo

މާލޭ މީހުންނަށް ގޯތި ދިނުމުގެ ޕްލޭނެއް ނެތީ މި ސަރުކާރުގެ: މެމްބަރ ފިއްޓެ

profile

ޒިދާން މުޙައްމަދު - 19 އޯގަސްޓު 2024 - 23:01

ސަރުކާރާ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރ ޒިޔާދު | ފޮޓޯ: ހުމާމް/ އަސްލު

ސަރުކާރާ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރ ޒިޔާދު | ފޮޓޯ: ހުމާމް/ އަސްލު

މާލޭ މީހުންނަށް ގޯތި ދިނުމުގެ ޕްލޭނެއް ނެތީ މި ސަރުކާރުގެ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.

ސަރުކާރާ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރ ޒިޔާދު މިފަދައިން ވިދާޅުވީ، އަސްލު ޓީވީން ގެނެސްދޭ "ރަތް ރޮނގު" ޕްރޮގުރާމްގައި މިރޭ ވާހަކަދައްކަވަމުންނެވެ.

"ރަތް ރޮނގު" ޕްރޮގުރާމްގައި މެމްބަރ ޒިޔާދުގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ - ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އަޙުމަދު އައިފާން ނައިވެރިވެވަޑައިގެންނެވިއެވެ. ޕްރޮގުރާމްގައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލައަށް ބަހުސްކުރައްވަމުން، މެމްބަރު އައިފާން ސިފަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށް ބުނެ، ލިޔެކިޔުންތަކެއް ދޫކުރިއިރު، އެއްވެސް ޕްލޭނެއް ނެތެވެ.

މެމްބަރ އައިފާނަށް ރައްދުދެއްވަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މެމްބަރުކަން ކުރެއްވި ޒިޔާދު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުން ގޯތި ދިނީ އިއުލާންކޮށްގެން، ޕްކި ޕްލޭނެއް އޮވެގެން ކަމަށެވެ. ރައީސް ޞާލިޙްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ރައްޔިތުންނަށް ހިލޭ ބިން ދޫކުރުމަށް، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލެއް އެކުލަވާލިއެވެ. އެ އުސޫލުގެ ދަށުން މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކާ އެތަނުން މަދުވެގެން 2،000 ގޯތި، ގުޅީ ފަޅުން ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި އަދި ހުޅުމާލެއިން މަދުވެެގެން 1،000 ގޯތި ދޭން އެ ސަރުކާރުން ވަނީ ނިންމާފައެވެ.

މެމްބަރ ޒިޔާދު ވިދާޅުވީ، ރައީސް ޞާލިހަށް ދެވަނަ ދައިރެއް ލިބިވަޑައިގެންފި ނަމަ އެ ޕްލޭނާ އެއްގޮތަށް ގޯތި ދީ ނިންމާނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން އެކަމުގައި ޕްލޭން ނެތް ކަމަށް ވިދާޅުވާއިރު ހަގީގަތުގައި ޕްލޭނެއް ނެތީ އެބޭފުޅުންގެ ކަމަށާއި އަމުދުން ޕްލޭނެއް ހެދުމަށްވެސް ސަރުކާރަށް 9 މަސް ވީއިރު ނުކުޅެދިފައިވާ ކަމަށް މެމްބަރ ޒިޔާދު ފާހަގަކުރެއްވިއެވެ.

"ގޯތި ލިބުނު މީހުންނަކީ ވަގުން ކަމަށް ބައެއް ބޭފުޅުން ސިފަކުރޭ"

މެމްބަރ ޒިޔާދު ތުހުމަތުކުރެއްވި ގޮތުގައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް މިސަރުކާރުގެ ނިޔަތެއް ނެތެވެ. މެމްބަރ ޒިޔާދު ވިދާޅުވީ ޕީއެންސީގެ ބައެއް ބޭފުޅުން ވިދާޅުވަނީ ގޯތި ދިނުމަކީ ޖަރީމާއެއް ކަމަށެވެ.

ކަން ނުވީމާ އޮތް ހުއްޖަތަކީ ކުރީ ސަރުކާރަށް ވެގެން ނުވާނެ ކަމަށާއި ކުރީ ސަރުކާރަކީ ހުރިހާ ބައްޔަކަށް ފަރުވާއެއް ނޫން ކަމަށް މެމްބަރ ޒިޔާދު ވިދާޅުވިއެވެ.

ސަރުކާރުން ދިން ދައުލަތުގެ ރަސްމީ ލިޔުމެއް އޮވެމެ، ރައްޔިތުން އެކަމަށް އުންމީދުކުރާނެ ކަމަށް މެމްބަރު ޒިޔާދު ވިދާޅުވިއެވެ. މެމްބަރ އެ އިޝާރާތްކުރެއްވީ ގޯތި ލިބުނު މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ރަޖިސްޓަރީއަށެވެ.

މެމްބަރ ޒިޔާދު ވިދާޅުވީ ގޯތި ދިނުމުގެ މައްސަލާގައި ކުރި އެއްވެސް ސުވާލަކަށް ވަޒީރަށް ޖަވާބެއް ނުދެއްވުނު ކަމަށެވެ.

މެމްބަރ ޒިޔާދު މިފަދައިން ވިދާޅުވި ނަމަވެސް، 12 އޮގަސްޓް 2024 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ހާޒިރުކުރައްވައި ކުރިމަތިކުރެއްވި ސުވާލުތަކަށް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓަރ ހައިދަރު ވިދާޅުވީ، ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކުރުމަށް ފަހު، ބިން ހަވާލު ކުރަން ފެށޭނެ ވަކި ތާރީޚެއް ކަނޑައަޅަން އަދި ދަތި ކަމަށެވެ. އަދި، އެކަން ކުރަން ދަތިވާ ސަބަބުތަކެއް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތަށް ގުޅީފަޅު، މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުން ދިއުމެވެ. ބުރިޖުގެ މަސައްކަތަށް ގުޅީފަޅު ބޭނުންކުރުމުގެ ސަބަބުން ކުރިން އެ ތަނުން ދޫކޮށްފައި ހުރި ގޯތިތަކުގެ ކަންމުޑިތައް ވެސް ހަލާކުވެފައިވާކަން މިނިސްޓަރދެވަނަ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ހައިދަރު ފާޙަގަކުރެއްވީ، މީހުން ދިރިއުޅެން އެކަށީގެން ނުވާ ގޮތަކަށް ކުރީގެ ސަރުކާރުން ބިން ދޫކޮށްފައި ހުރުމެވެ.

ކަނޑުންނާއި ފަޅުން ދޫކޮށްފައި ހުރި ބިންތަކެއް ގޯއްޗަށް ނުވާނެ ކަމަށް ވިދާޅުވެ، މިނިސްޓަރ ވަނީ ތަކުރާރުކޮށް މިދިޔަ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި، އެއީ ރައްޔިތުންނަށް ގޯތި ދޫކުރާ ގޮތް ނޫން ކަމަށާއި މި ސަރުކާރުން ބިންތައް ރައްޔިތުންނަށް ހަވާލުކުރާނީ ހިއްކާ ނިންމާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހު އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި، މިހާރު ކުރިއަށް ދަނީ އެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ އެންމެ ފަހު މަރުހަލާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާ އެކު ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް ފަރާތްތައް ގުޅީފަޅަށް ބަދަލުކުރަން ވެސް ޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.

tel:+9607331319