logo

މާލެއާއި އަތޮޅުތެރެއިން ލިބުނު ފޯމްތައް އުޅެނީ ގާތްގަނޑަކަށް 50،000 އިން މަތީގައި : އަބްދުއްރަހީމް

profile

އާމިނަތު ޝަފާ - 21 ސެޕްޓެމްބަރު 2024 - 13:10

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލު ޓީވީއަށް އިންޓަވިއު ދެއްވަނީ:

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލު ޓީވީއަށް އިންޓަވިއު ދެއްވަނީ:

ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތުގައި މާލެއާއި އަތޮޅުތެރެއިން މިހާތަނަށް ލިބުނު ފޯމްތައް އުޅެނީ ގާތްގަނޑަކަށް 50،000 އިން މަތީގައިކަމަށް ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީ މެމްބަރޝިޕް ޑްރައިވްގެ ސިލްސިލާ ހަރަކާތުގެ ތެރެއިން މިއަދުގެ ހަރަކާތް ފަށްޓަވައިދެއްވުމަށްފަހު ދަރުބާރުގެ ކުރިމަތީގައި ހުންނަވައި އަސްލު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ފަށާފައިވާ ހަރަކާތަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމަކަށް ފަށްޓަވާފައިވާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ވެރިކަންކުރާ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ހެދުން ކަމަށާއި މިކަމަށް ރައްޔިތުން އެ ޕާޓީއަށް ފުރުސަތު ދީފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުންބުނީ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ދީފައި ތިމަންމެން ކުރިއަށްދާން ބޭނުމީ ރައީސް މުއިއްޒުއާ އެކުގައޭ. މަޖިލީހުގެ އިންތިހާބުގައިވެސް 75 ގޮނޑި ދީފައިވަނީ. މާނައަކީ މިއަދު ރައްޔިތުންތިބީ ރައީސް މުއިއްޒުގެ ސިޔާސަތު ގަބޫލުކުރައްވައިގެން އެމަނިކުފާނާއެކު ކުރިއަށްދިއުމަށް ތައްޔާރުވެގެންނޭ. މެމްބަރުން އިތުރުކުރުމުގެ މި ހަރަކާތައް ވަރަށް ބޮޑު ތަރުހީބެއް ލިބޭ" އަބްދުއްރަހީމް އަބުދުﷲ

މުޅި ރާއްޖެއަށް ބަލާއިރު ކުރު މުއްދަތެއްގެ ތެރޭގައި އެއް ޕާޓީއަކަށް މިވަރުގެ ތާއީދެއް ލިބިގެންދިޔަ އެއްވެސް ޕާޓީއެއް ނެތްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ ވެރިކަމަށް އައިއިރު ޕާޓީގައި ތިބީ 3022 މެމްބަރުން ކަމަށެވެ. ނަމަވެސް މިއަދު 30،000 މެމްބަރުން އެބަތިބި ކަމަށާއި ރައީސް ބޭނުންފުޅުވެވަޑައިގަންނަވަނީ 75،000 އާ ހަމައަށް މެމްބަރުން އިތުރުކުރަން ކަމަަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ނިންމާލާނީ ރާއްޖޭގައި މިހާތަނަށް ސިޔާސީ ޕާޓީއަކަށް އެންމެ ގިނަ މެމްބަރުން ވަން ޕާޓީއަކަށް ޕީއެންސީ ހަދާފައި. ރައީސް މުއިއްޒުގެ ފަރާތްޕުޅުން ރައްޔިތުންނަށް ޝުކުރު އަދާކުރަން ބޭނުން މިކަމުގައި. ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންގެންދާ އަސްލެއްނެތް ވާހަކަތަކަށް ފުރުސަތު ނުދެއްވާށޭ ބުނެލަން ބޭނުން. ރައީސް މުއިއްޒަކީ އިހުލާސްތެރިއެއް." އަބްދުއްރަހީމް އަބުދުﷲ

އަބްދުއްރަހީމް ވިދާޅުވީ މިގައުމުގައި ކަންކަން ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެއީ ކަމަށްވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތުގެ ތެރެއިން މިއަދު ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މެދު ހެންވޭރު، ހެންވޭރު އުތުރު، ހެންވޭރު ހުޅަނގު އަދި ހެންވޭރު ދެކުނު ދާއިރާގައެވެ.

10 ޖެހި އިރު ފެށި މި ހަރަކާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއާއި ހެންވޭރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

tel:+9607331319