logo

ފެންބޮޑުވުމުން ލިބުނު ގެއްލުންތައް ބެލުމަށް އެސެސްމަންޓެއް ހަދަނީ

profile

އާމިނަތު ޝަފާ - 14 އޯގަސްޓު 2024 - 22:53

މޫސުން ގޯސްވެ މުޅި ރާއްޖެއަސް އަންނަނީ ވިއްސާރަކުރަމުން

މޫސުން ގޯސްވެ މުޅި ރާއްޖެއަސް އަންނަނީ ވިއްސާރަކުރަމުން

މިހާރު ރާއްޖެއަށްކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މާދަމާ ފެށުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ނިންމައިފިއެވެ.

އެންޑީއެމްއޭ އިން ބުނީ ވިއްސާރައާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އެން.ޑީ.އެމް.އޭގެ އިން ފޯރުކޮށްދެމުން އަންނަކަމަށެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ޖުމްލަ 256 ގެއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދޭއިރު 5 އާއިލާއެއްގެ 23 މީހަކު މިހާރު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާކަމަށް އެންމެ ފަހުން އެންޑީއެމްއޭއިން އާއްމުކުރި މައުލޫމާތުތަކުން ދައްކައެެވެ.

ވިއްސާރައާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީން ދިން ރައްކާތެރިކަމުގެ އިރުޝާދުގައިވަނީ ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ:

- އެގޮތުން ވާރޭވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުން

- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުން.

- ފެން ބޮޑުވެއްޖެނަމަ ފެން ޖެހިގެން ގެއްލުންވެދާނެ މުދާ ރައްކާތެރި ތަންތަނަށް ބަދަލުކުރުން.

- ގަދަ ވައިގެ ސަބަބުން ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ވައު ފަދަ ތަކެތި ބޭނުންކޮށްގެން ފުރާޅު އެއްލާ ނުލާނެފަދަގޮތަކަށް ހައްޔަރުކުރުން.

- ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިވާލާފައި ބެހެއްޓުން.

- ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދައިގެންނޫނީ ދަތުރަށް ނުފެށުން.

- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާގޮތަށް ދުރަލާ ކަންކަން އިންތިޒާމުކުރުން.

މިކަންކަމަށް ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރިވުމަށްވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީންވަނީ އިލްތިމާސްކޮށްފައެވެ.

tel:+9607331319