logo

މިދިޔަ މަހު ކުރި ވިއްސާރައިގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން

profile

އައިޝަތު އިނާޝާ - 03 ސެޕްޓެމްބަރު 2024 - 19:08

ވިއްސާރައިގަ ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިންދަނީ

ވިއްސާރައިގަ ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިންދަނީ

8 އޮގަސްޓް އިން ފެށިގެން ރާއްޖެއަށް ކުރަމުން އައި ވިއްސާރާގައި، އޮގަސްޓް މަހުގެ ނިޔަލަށް އިމާރާތްތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)އިން ބުނެފިއެވެ.

އެން.ޑީ.އެމް.އޭ އިން ބުނިގޮތުގައި މި ވިއްސާރައިގައި 10 ރަށެއްގެ 89 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އިމާރާތްތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް 1,084,16 ރުފިޔާ ގެ ގެއްލުން ލިބިފައިވާ ކަމަށް އެން.ޑީ.އެމް.އޭ އިން ވަނީ ބުނެފައެވެ.

ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ހއ.ހޯރަފުށި، ހއ.އުލިގަމް، ހއ.އިހަވަނދޫ، ހއ.ކެލާ، ހއ.ބާރަށް، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، އއ.އުކުޅަސް، ސ.ހިތަދޫ އަދި ސ.ފޭދޫ އިތުރުން ވެރިރަށް މާލެ ވެސް ހިމެނެއެވެ.

މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެންމެ ބޮޑަށް އަސަރުކުރި ރަށްތަކުގެ އާންމު ޙާލަތު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ބުނެފައެވެ.

ވިއްސާރައާ ގުޅިގެން އެންޑީއެމްއޭ އިން މީގެ ކުރިން އާންމުކުރި މައުލޫމާތުގައި ބުނީ ޖުމްލަ 256 ފަރާތަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން 5 އާއިލާއަކުން ފެންބޮޑުވުމުގެ ސަބަބުން ދިރިއުޅޭ ތަން ބަދަލުކުރަން ޖެހުނު ކަމަށާއި، އެހެންވެ އެ އާއިލާތަކުގެ ޖުމްލަ 23 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މުޅި ރާއްޖެ އަށް ކުރި މި ވިއްސާރާގައި 89.4 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވާއިރު މިއީ އާއްމުކޮށް ވާރޭ ވެހޭ މިންވަރުގެ 2 ގުނަ އެވެ.



tel:+9607331319