logo

ވިއްސާރައިގައި ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްޓްމަންޓް ހަދަން ފަށައިފި

profile

އާމިނަތު ޝަފާ - 16 އޯގަސްޓު 2024 - 19:23

އިދާރާތައް ގުޅިގެން އެސެސްޓްމަންޓް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން

އިދާރާތައް ގުޅިގެން އެސެސްޓްމަންޓް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން

އަންގާރަ ދުވަހު ކުރި ވިއްސާރާގައި ގެތަކަށް ލިބުނު ގެއްލުމުގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނީ އަންގާރަ ދުވަހު ކުރި ވިއްސާރާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކަށް ލިބުނު ގެއްލުން ތަކުގެ އެސެސްމަންޓްވެސް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ 11 ޓީމަކަށް ބަހާލައިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި މޯލްޑިވްސް ރެޑްކްރެސެންޓާއި އެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުން ގެއްލުން ލިބިގެން ރިޕޯޓުކުރެވުނު ގިނަ ގެތަކަށް މިހާރު ޒިޔާރަތްކުރެވިފައިވާކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން އެހީތެރިކަން ބޭނުންވާ އާއިލާތަކަށް މިނިސްޓްރީގެ ކޯލް ސެންޓަރު ނަންބަރު 1433 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެވޭނެކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ވިއްސާރައިގައި ގެއްލުންވެގެން ހޯމަ ދުވަހު 6 ރަށަކުން ރިޕޯޓުކުރިކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.

އަދި އަންގާރަ ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެންމެ ބޮޑަށް އަސަރުކުރި ރަށްތަކުގެ އާންމު ޙާލަތު މިހާރު ރަނގަޅު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނި ބުނެފައެވެ. ނަމަވެސް މުޅިން މައްސަލަ ހައްލުވާނީ އެ އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ލިބި ރިލީފް ގައިޑްލައިންގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވުމުންކަމަށް އެ ވުޒާރާއިން މައުލޫމާތުދިނެވެ.

އަންގާރަ ދުވަހު 80 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވާއިރު މިއީ އާއްމުކޮށް ވާރޭ ވެހޭ މިންވަރުގެ 2 ގުނައެވެ.

tel:+9607331319