logo

އިރުއޮއްސި 6 އަށް މޫސުން: ކަނޑުތައް ގަދަ، ރާޅުގެ އުސްމިނުގައި 9 ފޫޓު

profile

އާމިނަތު ޝަފާ - 17 އޯގަސްޓު 2024 - 09:49

ރާއްޖެއަށް މޫސުން ގޯސްވުން

ރާއްޖެއަށް މޫސުން ގޯސްވުން

މިއަދު އިރުއޮއްސި 6 އާ ހަމައަށް މުޅި ރާއްޖޭގެ ކަނޑުތަށް ގަދަވާނެކަމަށް ލަފާކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މިއަދުގ މޫސުން ލަފާކޮށް އެ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.

ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރަނީ ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު 18 މޭލާ 28 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.

މުޅި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 6 ފުޓާއި 9 ފޫޓުގައިކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ މިއަދުވެސް އިލްތިމާސްކޮށްފައެވެ.

މި ދުވަސްވަރަކީ ކަނޑުތައް ގަދަ ދުވަސްވަރަކަށްވާތީ މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެންނޫނީ ދަތުރުތައް ނުކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހޮނިހިރު ދުވަހަށް ފަހުގައިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

tel:+9607331319