logo

ބަންގްލަދޭޝްގައި ފެންބޮޑުވެ ތިން މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

profile

ސައިފް އަޒުހަރު - 22 އޯގަސްޓު 2024 - 20:40

ބޯކޮށް ވާރޭވެހި ބަންގްލަދޭޝްގައި ފެންބޮޑުވެފައި:

ބޯކޮށް ވާރޭވެހި ބަންގްލަދޭޝްގައި ފެންބޮޑުވެފައި:

ބަންގްލަދޭޝްއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ތިން މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މިހާތަނަށް 2 މީހުން މަރުވެފައިވާއިރު، ބަންގްލަދޭޝްގެ ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓްރީން ބުނެފައިވަނީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑު ސަރަހައްދެއް މިހާރު އޮތީ ފެނުއަޑީގައި ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ގެތަކާއި އެތައް އިމާރާތެއް ހަލާކުވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ބޮޑު ސަރަހައްދެއްގައި ކަކުލަށްވުރެ މައްޗަށް ފެންބޮޑުވެފައި ވާއިރު، އާންމުން ގެންދަނީ އަތުޖެހުނު އެއްޗެއް ހިފައިގެން އޮޑިތަކާއި، ކަނދުތަކުގައި ރައްކާތެރި ސަރަހައްދުތަކަށް ދަތުރުކުރަމުންނެވެ.

ކުރިއަށްއޮތް 24 ގަޑިއިރުވެސް މެދުނުކެނޑި ބޯކޮށް ވާރޭ ވެހޭނެކަމަށް ބަންގްލަދޭޝްގެ ފްލަޑް ފޯކާސްޓިންގ އެންޑް ވޯރނިންގ ސެންޓަރުން އިންޒާރު ކޮށްފައިވާތީ، އިތުރު ސަރަހައްދުތަކުގައި ފެންބޮޑުވެ އަދި ހާލުގައި ޖެހޭ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފެންބޮޑުވުމުގެ ސަބަބުން އެތައް ސަރަހައްދެއްގެ މަގުތައް ފެނުއަޑީގައި އޮތުމުގެ ސަބަބުން އެތައް އަވަށަކާ ގުޅުންކެނޑި، ރިލީފްގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް، ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ރިލީފް އޮފިޝަލުން ވިދާޅުވެއެވެ.

ބޯކޮށް ވާރޭވެހި އެންމެ ބޮޑަށް ފެންބޮޑުވެ އަސަރުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ފެނީ، މައުލްވިބަޒާރު، ހަބިގަންޖް، ކޮމިލާ އަދި ޗިޓަރގޮންގް ހިމެނެއެވެ. އެ ރަށްތަކުގެ ބޮޑު 5 ކޯރެއްގެ ފެންގަނޑު ނުރައްކާތެރި މިންވަރަށް މިހާރު އުފުލިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

tel:+9607331319